ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރެއްވުނީ އެންމެ ފުރިހަމައަށް ނޫން ކަމަށް ތިން ބޭފުޅުންނަށް ވެސް ގަބޫލުފުޅު ކުރެއްވޭ ކަމަށް ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ތިން ބޭފުޅުން ވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ތިއްބެވީ އެ ބޭފުޅުންގެ ވެރިކަންތައް އެންމެ ފުރިހަމައަށް ކުރެއްވުނު ކަމަށް ދެކިވަޑައިގެން ނޫން ކަމަށެވެ.
”އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް ކަންތައްތަކެއް ހުންނާނެ ގޯސްކޮށް ހިނގާފައި. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް. އަދި އޭގެ ފަހުން ރައީސް ސޯލިހްގެ ވެރިކަމުގައި ވެސް (ގޯސް ކަންތައްތަކެއް ހިނގާފައި ހުންނާނެ)“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެ ތިން ވެރިކަމަކީވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވުނު ވެރިކަންތަކެއް ނޫން ކަމަށެވެ.
ނަޝީދުގެ އިތުރުން ރައީސް ސޯލިހުވެސް ވިދާޅުވީ ކުރިން ހިނގައިދިޔަ ވެރިކަންތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ވެރިކަންތަކެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށާއި ވެރިކަންތަކުގައި ސުވާލު އުފެދޭ ކިތަންމެ ކަމެއް ހުންނާނެ ކަމަށެވެ.



