ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
ދޮޅު އަހަރު ނުވަތަ 540 ދުވަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު މި ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 147 މިލިޔަން ރުފިޔާ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވިގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ، ދާއިރާގެ މަޖިލިސް މެމްބަރުން އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.