- Advertisement -spot_img

އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީއަށް އެދި ރައީސް ހިތްވަރުދެއްވައިފި

މިއަހަރުގެ އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީއަށް އެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

އެގޮތުން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

މިއަދު ފަށާފައިވާ އެސް.އެސް ސީ އަދި އޯލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި 8،364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތުވުމަށް އެދިލައްވާ ކަމަށް ވެސް ރައީސް މުޢިއްޒު އެދިލެއްވިއެވެ.

”ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުމަށާއި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ޙާޞިލްވުމަށް އެދެން“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، އިރާދަކުރެއްވިއްޔާ އެއިން ކޮންމެ ދަރިވަރަކުވެސް އޯ ލެވެލް އިމްތިޙާނުގައި ކާމިޔާބީ ހޯދާ، މި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ ކަމަށެވެ.

އޯ ލެވެލް އިމްތިހާނާ ގުޅޭގޮތުން މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މި އަހަރު 260 ސެންޓަރެއްގައި މި އިމްތިހާނުތައް ކުރިއަށްދާނެ ކަމަށެވެ.

މިއަދު އިމްތިހާނު ފަށާފައިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަ ކުރި ދަރިވަރުންނެވެ.

މި މަހުގެ 7 ގައި ފަށާފައިވާ ދިރާސީ އައު އަހަރު، ގްރޭޑް 10ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗު ގައެވެ. އަދި މިއަހަރު ގްރޭޑް 9 ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރުން ނޮވެމްބަރަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރުން ނޮވެމްބަރަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް