- Advertisement -spot_img

ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުން އެ ނަގައި އޭގެ ޙައްޤުވެރީންނަށް އަދާކޮށްދިނުމަށް: ހުކުރު ޚުޠުބާ

މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ ”ފަރުޟު ޒަކާތާއި އިޤްތިޞާދާ ހުރި ގުޅުން“، މިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެއް ކަމަށެވެ. މި ނަޒަރިއްޔާގައި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށާއި، އިންސާނާއަކީ އެ މުދަލާ ހަވާލުވެގެން ހުރި މީހާ ކަމަށާއި، އެހެންކަމުން މުދާ ހޭދަކުރަންވާތީ އެ މުދާ ދެއްވި ފަރާތް އެދިވޮޑިގަންނަވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުން ކަމަށާއި، ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠު ހަމަވާ ނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި، އެ ޝަރުތުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުން ކަމަށެވެ.

އަދި އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ ހަމައެކަނި ފަޤީރު މީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤުޞަދުގައި ނޫން ކަމަށާއި، އެކަމަކު ޒަކާތުގެ ނިޒާމަކީ މުލި މުޖުތަމާއުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށާއި، ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

”ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤުޞަދަކީ އޭގެ ޙައްޤުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން“، ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން، މުޖުތަމާއުގެ ވަކި ބައެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤުތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަ ނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމަށާއި، މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އަދި، ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް ކަމަށާއި، ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެއް ކަމަށާއި، ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބައަށްޓަކައި ހޭދަކުރަންޖެހޭ އެއްޗެއް ކަމަށާއި، ޒަކާތް ދެއްކުމުގެ ސަބަބުން އިޤުތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤުތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދީ، ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވާ ކަމަށްވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ޒަކާތުގެ ޝަރުޢީ މަޤުޞަދުތައް ހާސިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށާއި، އިސްލާމީ ރިވެތި އުޞޫލަކީ ތިމާއަށް ތަނަވަސްކަމެއް ލިބިފައިވާނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް