މިއަދުގެ ޚިޠުބާގެ މަޢޫލޫއަކީ ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިއްޔަތު އެވެ.
މިއަދުގެ ހުކުރު ޚުޠުބާ ފަށަމުން ނިމިދިޔަ ދިރާސީ އަހަރުގެ ޗުއްޓީއަށްފަހު ސްކޫލްތަކުގެ ތަޢުލީމީ އާ އަހަރު ފެށިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ފެށުނު އަހަރަކީ ތަޢުލީމާއި، ތަރުބިއްޔަތާއި ހެލުންތެރިކަމުގެ ރޮނގުން ކުރިއަރައި ދާނޭ ބަރަކާތްތެރި އަހަރެއްކަމުގައި މާތް ﷲ ލެއްވުންއެދި ދުޢާކޮށްފައިވެއެވެ. އަދި މީގެ އިތުރުން ދަރިންގެ ތަޢުލީމާއި ތަރުބިއްޔަތައްޓަކައި މައިންބަފައިންނާއި މުދައްރިސުން، އަދި ތަޢުލީމީ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި މާތް ﷲ މަދަދާއި ތަޢުފީޤު މިންވަރު ކުރެއްވުން އެދިވެސް ވަނީ ދުޢާކޮށްފައެވެ.
އެއަށްފަހު މިއަދުގެ ޚުޠުބާގައި އިސްލާމީ ރިސާލަތު ފެށުނީވެސް ކިޔެވުމަށް ކުރެއްވި އަމުރުފުޅުންކަން ބަޔާންކުރަމުން، އެކަމަށްޓަކައި ކީރިތި ޤުނުއާނުގައި ބަޔާންވެގެންވާ އާޔަތްތައް ވަނީ އިއްވާފައެވެ. އެހެންކަމުން މިއަމުރުފުޅާއި އެއްގޮތަށް އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތަޢުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މުސްލިމުންގެ ހިތްތަކުގައި އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވިއެވެ. މީގެތެރޭގައި ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި ޢިލްމުތައް ޢަރަބި ބަހަށް ތަރުޖަމާކުރުމާއި، ޢިލްމާއި ފަންނުގައި އާ އެތައް އީޖާދެއްކޮށް، ފޮތްތައް ލިޔެ ސާޢިރުކޮށް ވަރުގަދަ ޙަޟާރަތެއް މިއުންމަތް ބިނާކުރިކަމަށްވެސް ވަނީ ބުނެފައެވެ.
އިސްލާމީ ޢިލްމުވެރިންގެ މިމަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވުނެވެ. އަދި އިސްލާމީ ތަޢުލީމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ޤާއިމްކުރެވުނުކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ލޮބުވެތި ދަރިންނާއި މުހާތަބުކޮށް މިއަދުގެ ޙުޠުބާގައި މިފެށުނު ދިރާސީ އާ އަހަރު، އިސްލާމް ދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދަ އަޅައި މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ޢިލްމީ ހަރަކާތްތަކުން ދަރިވަރުންގެ ހުސްވަގުތުތައް ފަޅުފިލުވާލުމަށްވެސް ވަނީ ބުނެފައެވެ. އަދި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމާއި، މައިންބަފައިންނަށް އިޙްތިރާމު ކުރުމާއި މުދައްރިސުންނަށް އިޙްތިރާމު އަދާކުރުމަށްވެސް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި މީގެ އިތުރުން މައިން ބަފައިންނާއި ދައުލަތުން ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި އޭރުން މައިންބަފައިންގެ ހިތްހަމަޖެހުމާއި ޤައުމަށް ކުރިއެރުން ހޯދައިދެވޭނެކަން ވަނީ ބުނެފައެވެ.
ޓީޗަރުންނާއި މުހާތަބުކޮށް މިއަދުގެ ޚުޠުބާގައި ދަރިން ތަރުބިއްޔަތުކޮށް ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤަޢުމަށް ވަފާތެރި ފައިދާހުރި ބަޔަކަށް ކިޔަވާކުދިން ހެދުމުގައި ޓީޗަރުންގެ ދައުރު ވަރަށް ބޮޑުކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިގޮތަށް ތަރުބިއްޔަތު ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއިއެކު މަސްއޫލިއްޔަތު އަދާކޮށްގެންކަން ފާހަގަކުރަމުން، ދަރިވަރުން ނަމޫނާއަކަށް ބަލާނީ ޓީޗަރުންކަމަށް ވަނީ ބުނެފައެވެ.
އެހެންކަނުން އެކުދިންނަކީ އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާ ބަޔަކަށް ހެދުމަށް ވަނީ އެދިފައެވެ. އަދި މީގެ އިތުރުން ކުދިންނަކީ ބަވަނަވަމުންދާ ވެއްޓަށް އަހުލުވެރި ހޭލުންތެރި ބަޔަކަށް ހެދުމަށްވެސް ޓީޗަރުންގެ ކިބައިން މިއަދުގެ ޙުޠުބާގައި ވަނި އެދިފައެވެ.
މައިންބަފައިން ދަރިންގެ ތަޢުލީމަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފު ހައްޤުވެގެންވާކަމަށް ބަޔާންކުރަމުން އެ ދަރިވަރުންގެ ބޭނުންތައް ފުރިހަމަކޮށްދެއްވައި ކޮންމެ ދުވަހަކު އެކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަ މަސައްކަތް ކުރާ މަންޒަރަކީ އުފާވެރި މަންޒަރެއްކަން ވަނީ ފާހަގަކޮށްފައެވެ.
އަދި މީގެ އިރުތުން ދަރިންނަކީ މާތްﷲ އަހަރެމެންނާއި ޙަވާލުކޮށްފައިވާ އަމާނާތެއްކަމާއި، މިއަދު އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ، މާދަމާ އެކުދިންގެ މަންފާ އަހަރެމެން އެންމެންނަށް ކުރާނެކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދލީ، ކިރިތި ޤުރުއާނާއި، މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ޢަމަލުކުރަން ދަސްކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އެކުދީންނަކީ ފަރުޟު ފަސް ނަމާދުކުރާ ބަޔަކަށް ހެދުމަށްވެސް މައިންބަފައިންނާއި ބެލެނިވެރިންގެ ފަރާތުން މިއަދު ޚުޠުބާގައި ވަނީ އެދިފައެވެ.



