މިއަދުގެ ހުކުރު ޙުޠުބާ ޙާއްސަ ކޮށްފައިވަނީ ލައިލަތުލްޤަދްރި ވިލޭރެގެ މާތްކަމަށެވެ.
އެގޮތުން މިއަދުގެ ޙުޠުބާ ފަށަމުން ހެޔޮ ޢަމަލާއިއެކު މިމައްސަރު ނިންމާލެވޭތޯ އެންމެހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ވަނީ އެދިފައެވެ. މިގޮތުން އަމިއްލަ ނަފްސަށް ކުރެވޭ އަޙުދުތަކަށް ރައްކާތެރިވާން ހަނދާކޮށްދެމުން ގިނަގިނައިން އިސްތިޣުފާރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރޯދައަށް ހުންނައިރު އިސްތިޣުފާރުކުރުމަކީ އެމީހަކަށް ކުރެވޭ ކުދި ކުދި ފާފަތައް ފުއްސައިވައިދެއްވާނެ ކަމެއްކަމުގައި ޙުޠުބާގައި ވަނީ ބުނެފައެވެ.
މިއަދުގެ ޙުޠުބާގައި މާތް ﷲގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށް ހަނދާންކޮށްދެމުން، އެކަލާނގެ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަށް ހަނދާކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން އިސްލާމްކަންމަތީގައި އަދި ހެޔޮހާލުގައި ތިބެ ރަމަޟާން މަހާކއި ބައްދަލުވުމަކީ ކުޑަ ނިޢުމަތެއް ނޫންކަމަށާއި، އެކަލާނގެ އަންގަވާފައިވާ ގޮތަށް ރޯދަ ހިފާ، ނަމާދު ޤާއިމްކޮށް، ކީރިތި ޤުރުއާން ކިޔަވާ އަދި ރޭއަޅުކަން ކުރާ ފަރާތްތަކުގެ ޢަމަލުތައް މަލާއިކަތުން ލިޔުއްވާނެކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިމަހުގައި ހެޔޮ ޢަމަލެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު އަޅުގަނޑުމެން ވޭތިކުރަމުން މިދަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައްކަމުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައިތޯ މާތް ﷲގެ ޙަޟްރަތުގައި ދުއާ ދަންނަވަން ވަނީ ހަނދާންކޮށްދީފައެވެ. މިދުވަސްތަކަކީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެއްކަން ފާހަގަކުރަމުން މިދުވަސްތަކާއި ރޭތައް އިޙްޔާކުރުމަކީ އެކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރަން ނޭނގޭ އިތުރުކޮށްދެއްވާނެ ދުވަސްތަކެއްކަން ވަނީ ބުނެފައެވެ.
ރަމަޟާންމަހު ކީރިތި މާތް ނަބިއްޔާ މުޙައްމަދު ﷺ ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް ބަޔާންކުރަމުން، ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެކަލޭގެފާނު ރޭއަޅުކަންތަކުގައި ގިނަ ވަގުތު ހޭދަކޮށް ޢިއުތިކާފުކުރައްވާކަމަށާއި، އަދި ލައިލަތުލްޤަދުރި ލިބިގަތުމަށް ގަދައަޅާ މަސައްކަތްކުރުމަށް އަހަރެމެންނަށް އަންގާފައިވާކަމަށް މިއަދުގެ ޙުޠުބާގައި ވަނީ ބުނެފައެވެ.
އަދި ލައިލަތުލްޤަދުރި ވިލޭރޭ ކުރާ އަޅުކަންތަކަކީ އެނޫން ރޭތަކާއި ދުވަސްތަކުގައި ކުރާ އަޅުކަންތަކަށްވުރެ އެއްހާސް މައްސަރުގައި ކުރާ ހެޔޮކަމަށްވުރެ މަތިވެރިކުރައްވާފައިވާ ރެއެއްކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިރެއަކީ މާތް ﷲ އެ ރެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލްކުރެވިދާނެ ރެއެއްމަށްވެސް ވަނީ ބުނެފައެވެ.
ހަމަމިގޮތަށް އީމާންކަމާއެކު ދަރުމައާއި ސަވާބަށްއެދި އެރޭ އަޅުކަންކުރާ މީހުންގެ ފާފަފުއްސަވައިދެއްވާނެކަމަށާއި އެރޭކުރުމަށް ޙާއްސަވެގެންވާ ދުއާވެސް ވަނީ މިއަދުގެ ޙުޠުބާގައި ބުނެދީފައެވެ. އެގޮތުން ކީރިތި ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެގެންވާ ގޮތުގައި އެރޭ ކުރުމަށް އެންމެ މުހިންމު ދުޢާއަކީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ކަން ވަނީ ކިޔާދީފައެވެ.
މީގެ އިރުރުން ފަހު ދިހައެއްގައި އިއުތިކާފަށް އިނުމުގެ މުހިންމުކަންވެސް ވަނީ ބުނެދީފައެވެ. އެގޮތުން އިއުތިކާފަށް އިންނަމީހާ ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ މާތް ﷲއަށް އަޅުކަންކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތުތައް ހޭދަކުރަންވާނެކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި މީގެއިތުރުން މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި މިސްކިތުގެ ހުރުމަތަށް އިސްކަންދޭން ވާނެކަމަށް ފާހަގަކުރަމުން މިސްކިތަކީ ބިންތީގައިވާ އެންމެ މާތް ތަންކަމަށްވެސް ވަނީ ބުނެދީފައެވެ.
ޙުޠުބާ ނިންމާލަމުން ފިޠުރު ޒަކާތް ދެއްކުމަށް އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދެމުން، އެކަމަކީ ރޯދަތައް ހިފިއިރު ކުރެވިފައިވާ އުނި ކަންކަން ފޫބެއްދޭ ކަމެއްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ފިޠުރު ޒަކާތް ނެރުމަށް އަވަސްވެގަތުމަށް ވަނީ ހަނދާކޮށްދީފައެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ ސަވާބާއި ލައިލަތުލްޤަދުރި ވިލޭރޭގެ ދަރުމައާއި ސަވާބު އަޅަމެންނަށް މިންވަރުކޮށްދެއްވާށި. އާމިން



