ބުރާސްފަތި, މާރޗް 20, 2025
spot_img
- Advertisement -spot_img

”ހީޓް ސްޓްރެސް“ ގެ ހާލަތު މެދުވެރިވުމުގެ ފުރުސަތު ބޮޑު- މެޓް

ރާއްޖޭގެ ހޫނުމިން މައްޗަށް އަރަމުން އަންނަ މިދަނޑިވަޅުގައި ”ހީޓް ސްޓްރެސް“ ގެ ހާލަތު މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަހަރުގެ ތެރޭގައި ފިނިހޫނުމިނުގައި މާ ބޮޑު ތަފާތުތަކެއް ފާހަގަ ނުކުރެވުނު ނަމަވެސް މުޅި ރާއްޖެއަށް އެންމެ ހޫނުގަދަވާ މަހަކީ އޭޕްރީލް މަސް ކަމަށެވެ.

މާޗް މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގައި ވައި މަޑުވުމާއި އަދި ސީދާ ރާއްޖެއާ ދިމާ މަތީގައި އިރު ހުރުމާއި އަދި ވިލާ މަދުވުމުގެ ސަބަބުން ތެތް ހޫނުވައި ގިނަ ވަގުތު ދައުރުނުވެ އެއް ސަރަހައްދެއްގައި މަޑުޖެހޭ ކަމަށާއި އޭގެ ސަބަބުން ހީޓް އިންޑެކްސް މަތިވާ ކަމަށް މެޓުން ވިދާޅުވިއެވެ.

”އެއީ ވައިގެ ތެއްކަން މަތިވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ފިނުވުމަށްޓަކައި ބޭނުންވާ ދާހިއްލުމަށް ދަތިވެ ވައިގެ އަސްލު ހޫނުމިނަށްވުރެ ވެސް އިތުރަށް ހޫނުކަން އިހުސާސްކުރެވޭ. އެގޮތުން އިހުސާސްކުރެވޭ ހޫނުމިކަމީ ވައިގެ އަސްލު ހޫނުމިނާއި ވައިގެ ތެއްކަން އަދި ވައި ޖެހޭބާރުމިނަށް ބަލައި ހިސާބުކުރެވޭ އަދަދެއް.“ މެޓް ވިދާޅުވިއެވެ.

މެޓުން ވިދާޅުވީ، ވިދިވިދިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތިނަމަ “ ހީޓް ސްޓްރެސް“ އޭ ކިޔާ ހާލަތު މެދުވެރިވާ ކަމަށާއި އެއީ ގަދަ ހޫނަށް ހަށިގަނޑުގެ ބަރުދާސްތީ ގާބިލުކަން ކުޑަވަމުން ދިއުމުގެ ހާލަތް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ހާލަތު ރާއްޖެއަށް ވެސް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އިން ވިދާޅުވިއެވެ.

ދުވަހުގެ އެންމެ ހޫނުގަދަވަނީ އާންމުގޮތެއްގައި މެންދުރު ފަހު 1:00 އާއި 2:00 އާއި ދެމެދުގައި ކަމަށާއި ނަމަވެސް ވިލާ ހުންނަ ގޮތުން އެ ގަޑިއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މެޓް އިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް