- Advertisement -spot_img

ޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފި

ރައްޔިތުންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ހިދުމަތްތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އެފަދަ ހިދުމަތްތައް ދޭ ކުންފުނިތަކުގެ ވެރިންނާ އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން މިނިސްޓްރީ އާއި ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޔުޓިލިޓީ ދާއިރާއިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް މަޝްވަރާކުރުމެވެ.

އެ ގޮތުން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ވަޒީރު އަލީ ޝަރީފް ވަނީ، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރުހުރި ގޮތެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭކަން ފާހަގަކޮށް ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް