- Advertisement -spot_img

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ. މި އިންތިޚާބަކީ އެ ދާއިރާގެ ކުރީގެ މެމްބަރުގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ޝަރީއަތަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. މި ގޮތުން މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތު އުނިވުމުގެ ސަބަބުން އެ ގޮނޑި ހުސްވެ، ގާނޫނުގައިވާ ގޮތުގެ މަތިން އަލުން އިންތިޚާބު ބާއްވަނީއެވެ.

މި ބައި-އިލެކްޝަންގައި ދެ ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 4121 މީހަކަށް ލިބިގެންވެއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން 2 ފޮށި ބަހައްޓާފައިވަނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައެވެ. އަދި ބާކީ 5 ފޮށި ބަހައްޓާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައެވެ.

އިންތިޚާބުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހެނދުނު 9:00 ޖެހުމާ ހަމައަށް ޖުމްލަ 280 މީހުން ވޯޓުލާފައިވެއެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 6.79 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި 155 ފިރިހެނުންނާއި 125 އަންހެނުން ހިމެނެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް