ޔަމަނުގެ ޙޫތީންގެ ފަރާތުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ނުހުއްޓައިފިނަމަ ރަތު ކަނޑުގައި އިސްރާއީލާ ގުޅުން ހުރި އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށް ކުރިން ދީފައިވާ އިންޒާރުގައިވާ ގޮތަށް ޢަމަލުކުރާނެ ކަމަށެވެ.
ހަމާސްއިން ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން އަދިވެސް ޣައްޒާއާއި މިޞްރުގެ ސަރަޙައްދީ އިންފާރު ސަރަޙައްދުގައި ތިބެ، ޣައްޒާއަށް ބޭރުން އެހީ ފޯރުކޮށްދިނުން ހުއްޓުވަމުން ގެންދެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ފިލަޑެލްފިއާ ކޮރިޑޯ ދޫކޮށްލާނެ ކަމަށް ބުނެފައިވަނިކޮށް ދިމާވެފައިވާ ކަމެކެވެ. އަދި މީގެ އިތުރުން ހަރުކަށި ޔަހޫދީން އަންނަނީ ފަލަސްތީނު ރައްޔިތުންނަށް އެތައް ގޮތްގޮތަކަށް އުނދަގޫ ކުރަމުންނެވެ.

ޤަތަރާއި ޖޯޑަން މިމަސައްލާގައި ބުނާގޮތުން އިސްރާއީލުން ޣައްޒާގެ މައްޗަށް ހިފާފައިވާ ހިޞާރު ބާރުކޮށް، ޣައްޒާއަށް ކަރަންޓު ފޯރުކޮށްދޭ އެންމެ ފަހު ވަޞީލަތް ކަނޑާލައި، އެތަނުގައި ހުރި ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓް ހިންގުމަށް ބޭނުންކުރާ ކަރަންޓު މެދުކަނޑާލުމުގެ މަޤްޞަދަކީ ”ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުން“ ކަމަށެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް އެމެރިކާގެ އެހީގައި ދެމުންދާ ހަނގުރާމައިގައި 48,467 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މީގެ އިތުރުން އިސްރާއިލްގެ ރަހުމްކުޑަ އުދުވާނުގެ ސަބަބުން 111,913 މީހުންނަށް ޒަޚަމްވެފައިވެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މަރުވެފައިވާ މީހުންގެ އަދަދު އަޕްޑޭޓްކޮށް މަދުވެގެން 61,709 މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ. މިއީ ވެއްޔާއި ސިމެންތި ތެރޭގައި ގެއްލިފައިވާ ހާހުން ފަލަސްޠީނުން މަރުވެފައިވާ ކަމަށް ބެލެވޭތީއެވެ. 7 އޮކްޓޯބަރު 2023 ގައި ހިންގުނު ހަމަލާގައި އިސްރާއީލުގައި މަދުވެގެން 1,139 މީހުން މަރުވެފައިވެއެވެ. އަދި 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވެއެވެ.