ދިގުލައިދިޔަ ނުތަނަވަސްކަމާއި އަސްކަރީ ކުރިމަތިލުންތަކަށްފަހު، ހަނގުރާމަ ހުއްޓާލައި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ތާރީޚީ ފަހުމުނާމާގެ ރަސްމީ ބަޔާން އެމެރިކާއިން އާންމުކޮށްފިއެވެ.
14 ނުކުތާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އެއްބަސްވެފައިވާ މުހިންމު ކަންތައްތައްތަކުގެތެރޭގައި އަސްކަރީ ހަރަކާތްތައް ހުއްޓާލުން ހިމެނެއެވެ. މިގޮތުން ސަރަޙައްދީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުން ހިމަނާފައިވާއިރު، އެމެރިކާ، އީރާން އަދި ލުބުނާން ހިމެނޭގޮތަށް ހުރިހާ ފްރަންޓެއްގައި އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުން ހިމެނެއެވެ.
މީގެއިތުރުން އެމެރިކާއިން އީރާނަށް ބަންދުކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް 30 ދުވަސް ތެރޭގައި އެއްކޮށް ހުޅުވާލާނެއެވެ. ބަދަލުގައި އީރާނުން ޕާޝިއަން ގަލްފާއި ސީ އޮފް އޮމާންއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުތައް އާންމު ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދޭނެއެވެ. އަދި ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ އަދި ހިންގުމުގެ ކަންކަމާ ބެހޭގޮތުން އީރާނާއި އޮމާންއިން ސަރަހައްދީ ގައުމުތަކާ މަޝްވަރާކުރާނެއެވެ. ދާއިމީ އެއްބަސްވުމަކަށް އަންނަތާ 30 ދުވަސް ތެރޭގައި އެމެރިކާއިން އެ ސަރަހައްދާ ކައިރީގައިވާ އަސްކަރީ ބާރުތައް ފަހަތަށް ޖައްސާނެއެވެ.
މި އެއްބަސްވުމުގައި ފާހަގަކުރެވޭ އަނެއްކަމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދޭން ޖެހުމެވެ. އަދި އީރާނުގައި ހުރި ޔުރޭނިއަމް ރައްކާކޮށްފައިވާ މިންވަރު މަދުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ އެޓަމިކް ހަކަތައާ ބެހޭ އެޖެންސީގެ ބެލުމުގެ ދަށުން ކުރިއަށްދާނެއެވެ. އދ. އާއި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަނޑައެޅޭ ތާވަލެއްގެ ދަށުން އުވާލެވޭނެއެވެ. މީގެ އިތުރުން، އީރާނުގެ ތެލުގެ ވިޔަފާރިއާއި ބޭންކިންގް ޚިދުމަތްތަކަށް ވަގުތުން ހުއްދަ ދެވޭނެއެވެ. އޭގެތެރޭގައި ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް އެގައުމުގެ މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ.
ތިން ވަނަ ކަމަކަށް މި އެއްބަސްވުމުގައި 300 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕްލޭން ފާހަގަ ކުރެވެއެވެ. އެމެރިކާއާއި ސަރަހައްދީ ބައިވެރިން ގުޅިގެން އީރާނުގެ އިޤްތިޞާދު އާލާކުރުމަށްޓަކައި 300 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ބޮޑު އިޤްތިޞާދީ ޕްލޭނެއް އެކުލަވާލާނެ ކަމަށް މި އެއްބަސްވުމުގައިވެއެވެ.
މި ވަގުތީ އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކުރުމަށްޓަކައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދެގައުމުން ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ. އަދި ފައިނަލް އެއްބަސްވުން އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކުން ފާސްކުރެވޭނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އީރާނާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުންތަކަށް ވަގުތީ ހައްލެއް ލިބި، މެދުއިރުމަތީގެ ވިޔަފާރިއާއި ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ދެ ޤައުމުގެ އޮފިޝަލުން ލަފާކުރެއެވެ.



