ހަނގުރާމަ ހުއްޓާލަން އެމެރިކާ އާއި އިރާނުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ދިގުދެމިގެންދިޔަ ވަރުގަދަ މަޝްވަރާތަކަށްފަހު، އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާންކުރާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ލުބުނާނު ހިމެނޭހެން ހުރިހާ މައިދާންތަކެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި އެއްބަސްވުމަށް އަމަލީ ސިފަ ގެނައުމަށްޓަކައި، މި ހަފުތާގެ ތެރޭގައި މެދުވެރިންގެ ބައިވެރިވުމާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އެއްބަސްވުން ތަންފީޒުކުރުމުގެ ފަންނީ މަޝްވަރާތަކަށާއި ސޮއިކުރުމުގެ ރަސްމިއްޔާތަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކުރުން ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ އިސް ވެރިންނާއި އަސްކަރީ އެތައް ބަޔަކު އަވަހާރަކޮށްލުމާ އެކު ފެށުނު ހަނގުރާމާގައި އީރާނުން ވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ. އެކަމުގެ ސަބަބުން ސަރަހައްދުގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް އައިސް، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު ވެސް ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.



