ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖެއިން ފޮނުވި މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފި

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖެއިން ފޮނުވަން ނިންމާފައިވާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން 374,400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ޣައްޒާއަށް ފޯރުކޮށްދީފައި ވެއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ”ފަލަސްތީނާއެކު ދިވެހީން“ ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ޖަމާކޮށްދީފައެވެ. މި ފައިސާ ޖަމާކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ދިވެހި ރައްޔިތުންނާއި ސަރުކާރަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ހަރަކާތްތަކާއި ދެކޮޅަށް ދުނިޔޭގޭ ހުރިހާ ޕްލެޓްފޯމެއްގައި ވަކާލާތުކުރާ ބައެކެވެ.

ގުޅުންހުރި ލިޔުންތައް