ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނާގައި ލިވަޕޫލުން 16 ޕޮއިންޓްގެ ލީޑެއް ނެގިއިރު، މެންޗެސްޓާ ސިޓީ އަނެއްކާވެސް ބަލިވެއްޖެ

ޑާވިން ނުނެޒްގެ ގޯލަކުންނާއި މުޙައްމަދު ސަލާޙްގެ ދެ ޕެނަލްޓީން ލިވަޕޫލް މި ސީޒަންގައި ދެވަނަ ފަހަރަށް ލީގުގެ އެންމެ ފަހަތުގައިވާ ސައުތެމްޕްޓަން ބަލިކޮށް ޕްރިމިއަރ ލީގުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ބުދަ ދުވަހު ޕެރިސް ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު ކާމިޔާބީ ހޯދުމަށް ބޭނުންކުރި ހަކަތައިގެ ސަބަބުން ލިވަޕޫލުން އެމީހުންގެ އެންމެ ރަނގަޅު ފޯމުގައި ނުކުޅެވުނެވެ. އެހެންނަމަވެސް ސީޒަންގެ މިހިސާބުގައި މުހިންމީ ނަތީޖާއެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް ޗެމްޕިއަންކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުކޮށްފައެވެ. އަދި ސައުތެމްޕްޓަން ޕްރިމިއަރ ލީގުގެ ތާރީޚުގައި އެންމެ މަދު ޕޮއިންޓު ހޯދި ޓީމަކަށް ވުމުގެ ނުރައްކާ އަދިވެސް އެބައޮތެވެ.

މިއީ މާރޗް މަހުގައި ޗެމްޕިއަންކަމަށް ކުރިމަތިލާ ޓީމުގެ ހަމައެކަނި ޕްރިމިއަރ ލީގު މެޗެވެ. މިހާރު އެމީހުން ފޯކަސްކުރަނީ އަންގާރަ ދުވަހު ޕީއެސްޖީ އާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު މެޗުގެ ދެވަނަ ލެގަށާއި އާދިއްތަ ދުވަހު ނިއުކާސަލް އާ ދެކޮޅަށް ކުޅޭ ކަރަބާއޯ ކަޕް ފައިނަލަށެވެ. މިއީ ތިން މުބާރާތެއް ކާމިޔާބުކުރުމަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މެޗުތަކެކެވެ.

މެންޗެސްޓަރ ސިޓީ މިހާރު ވަނީ ޕެޕް ގުއާޑިއޯލާގެ ދަށުން މިހާތަނަށް އެޓީމު ނުދެކޭ ހާލަތެއްގައެވެ. ނޮޓިންގަމް ފޮރެސްޓް އަތުން 1-0 އިން ބަލިވުމާއެކު ޕްރިމިއަރ ލީގު ޗެމްޕިއަނުންގެ މި ސީޒަންގައި ނުވަވަނަ ފަހަރަށް ވަނީ ބަލިވެފައެވެ. މިއީ ސްޕެނިޝް މެނޭޖަރުގެ ދަށުން އެއް މޫސުމެއްގައި އެންމެ ގިނައިން ބަލިވި އަދަދާ އެއްވަރުވުމެވެ.

މެންޗެސްޓާ ސިޓީން މިސީޒަންގައި މިހާތަނަށް ކުޅުނު 29 މެޗުން 9 މެޗުން ބަލިވިއިރު، 5 މެޗުން ވަނީ އެއްވަރުވެފައި

މިކަމުގެ ސަބަބުން ގުއާޑިއޯލާގެ ދަށުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ބޮޑު ނުރައްކަލެއް ސިޓީއަށް ވަނީ ކުރިމަތިވެފައެވެ. މިއީ މިދިޔަ މޭ މަހު ސިޓީން ވިދިވިދިގެން ހަތަރުވަނަ ލީގު ޓައިޓަލް ނެގިއިރު ހިތަށްވެސް ނާރާނެ ކަމެކެވެ.

ފަސްވަނަ ޖާގައިން ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުޞަތު އޮތް ނަމަވެސް، މޫސުމުގެ ފަހު ބައިގައި ހަތަރުވަނައިގައިވާ ސިޓީ އާއި 10 ވަނައިގައިވާ އެސްޓަން ވިލާ އާ ދެމެދު އޮތީ އެންމެ ފަސް ޕޮއިންޓެވެ.

ރޭގައި ޕްރިމިއާ ލީގުގައި ކުޅެވުނު އިތުރު މެޗުތަކަށް ބާލާއިރު ބަރައިޓަން ވަނީ 1-2 ގެ ނަތީޖާއަކުން ފުލްހަމް ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލެސްއިން 0-1 އިން އިޕްސްވިޗް ޓައުން ބަލިކުރިއިރު އެސްޓަން ވިލާއިންވެސް ބެރެންޑްފޯޑް އަތުން މޮޅުވީ ހަމަ މިނަތީޖާއިންނެވެ. ވޯލްވްސް އަދި އެވެޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް