- Advertisement -spot_img

އޭއީއެޗްގެ ތަރައްޤީއަށް 150 މިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިއަށް އެބަދޭ: ޑރ. އަދީލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން 150 މިލިޔަން ރުފިޔާގެ ތަފާތު މަޝްރޫޢުތަކެއް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަދީލް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ޚިދުމަތަކީ ޕްރައިވެޓް ކޮޓަރީގެ ޚިދުމަތް ކަމަށްވުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ މަޝްރޫޢެއްގެ ތެރެއިން އެކަމަށް ޚާއްޞަ އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ތިން ފަންގިފިލާގެ އިމާރާތެއްގައި 10 ޕްރައިވެޓް ކޮޓަރި ހެދުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އިމާރާތް އެޅުމަށް ބިން ހަވާލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު ހުރި މަތީ ފަންތީގެ އެގްޒެކެޓިވް ކޮޓަރިތައް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށް 20 މިލިޔަން ރުފިޔާގެ މަޝްރޫޢެއް ޑިޒައިންކުރެވިފައިވާކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެކުނުގެ އަތޮޅުތަކަކީ ފަތުރުވެރިކަމާއި ޑައިވިންގ އަށް މަޝްހޫރު ސަރަޙައްދަކަށްވުމުން، ޑީކޯވާ ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހައިޕާބެރިކް ޗެމްބަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.

ހަތެރަޕިއުޓިކް ފަރުވާތައް ފުޅާކުރުމަށް އަމާޒުކޮށްގެން އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް އޭއީއެޗް އިން ކުރަމުންދާއިރު، މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ އިތުރުން ދެކުނުގެ އެހެނިހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އޮތް ބޮޑު އުއްމީދެކެވެ. މި މަޝްރޫޢުތައް ނިމުމުން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވެ، ޞިއްޙީ ފަރުވާ ހޯދުމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. 

ގުޅުންހުރި ލިޔުންތައް