ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އަތުން 4-2 އިން ކުރިހޯދައި، އިންގްލެންޑުން މޮޅަކުން މުބާރާތް ފަށައިފި އެވެ.
މި މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ކޭން ވަނީ ޕެނަލްޓީ އަކުން ލީޑުނަގައިފައެވެ. މިއީ، އިންގްލެންޑްގެ ނޯނީ މަޑުއޭކޭ އަށް ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ނަމަވެސް ކްރޮއޭޝިއާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި މާޓިން ބަޓުރީނާގެ ގޯލުން ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ އިންގްލެންޑުންނެވެ. ޑެކްލަން ރައިސް ކޯނަރަކުން ނެގި ބޯޅައަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހެރީ ކޭން އެވެ. ފުރަތަމަ ހާފްގެ އެންމެފަހު ސިކުންތުކޮޅުތެރޭ ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ދިން ބޯޅައަކުން ޕީޓާ މޫސާ ވަނީ ދެވަނަ ފަހަރަށް ކްރޮއޭޝިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަމަވެސް ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ އިންގްލެންޑުން އަނެއްކާ ވެސް ލީޑުނެގިއެވެ. މެޗުގެ 47 ވަނަ މިނިޓްގައި ބެލިންހަމް މި ގޯލު ޖެހީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެ ފަހުން، ކޭން އަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ލިވާކޮވިޗް ވަނީ މަތަކޮށްފައެވެ.
އިންގްލެންޑް މޮޅުވި ގޯލު ޖެހީ ބަދަލަކަށް ކުޅެން އަރައި، 86 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެޝްފޯޑް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.
މި ގްރޫޕުގައި އިންގްލެންޑާއި ކްރޮއޭޝިއާގެ އިތުރުން ހިމެނެނީ ގާނާ އާއި ޕެނަމާއެވެ.



