- Advertisement -spot_img

ޑެންގޫ ޖެހިގެން ހާލު ސީރިއަސްވެ ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ށ. މިލަންދޫ ޒުވާނާ ނިޔާވެއްޖެއެވެ.

ޑެންގޫ ޖެހިގެން ހާލު ސީރިއަސްވީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ޒުވަނާއަށް ފަރުވާ ދެމުން ގޮސްފައި ވަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގެ އެހީގައެވެ.

އެ ޒުވާނާ މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ. އަދި އެ ރަށު މަރުކަޒުގައި ފަރުވާ ދެނިކޮށް ހާލު ސީރިއަސް ވެގެން ކުޅުދުއްފުށީ ހޮސްޕީޓަލުގައި ފަރުވާ ދިނުމަށްފަހު، މާލެ ގެނެސް ފަރުވާ ދޭން ފެށީ އިއްޔެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކަނި ޑެންގީ ޖެހިގެން 535 މީހުން ރިޕޯޓުކޮށްފައި ވެއެވެ. އަދި ފެބްރުއަރީ މަހާ އަޅާބަލާ އިރު، މާރިޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ ވިދާޅުވެއެވެ. ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިފައިވަނީ 428 މީހުންނަށެވެ.

ޑެންގޫ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމައް ސަމާލުކަމެއް ދޭންޖެހެއެވެ. މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރު އަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން މުހުންމެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް