މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއާ ވާދަކޮށް ރ. ދުވާފަރުން ވެރިކަންކުރާ ޕީއެންސީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން އެނގޭގޮތުގައި ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ވާދަކުރެއްވި އަހްމަދު ޝާހު ވަނީ 1398 ވޯޓު ހޯއްދަވާފައެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން މުހައްމަދުފުޅަށް ލިބިލެއްވީ 967 ވޯޓެވެ. އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓް ޝާހު އިންތިހާބު ކާމިޔާބު ކުރެއްވީ 54.95 ޕަސެންޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިލެއްވީ 38.01 ޕަސެންޓެވެ. ޝާހް ދުވާރު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެފައި ވަނީ 431 ވޯޓުގެ ތަފާތަކުންނެވެ.
ދުވާފަރު ރައީސްކަމަށް މިހާރުގެ ކައުންސިލަރެއް ކަމަށްވާ އިޒްމީލް އަހްމަދު އަމިއްލަގޮތުން ވާދަކުރިއެވެ. އޭނާއަށް ލިބިލެއްވީ ޖުމްލަ 179 ވޯޓެވެ.
ދުވާފަރު ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑީގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުކުރީއެވެ. މެންބަރު ކަމުގެ ދެވަނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބުދުﷲ ނަޒީމެވެ. އޭނާ އަށް ވަނީ 749 ވޯޓު ލިބިފައެވެ.
ދުވާފަރު ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ދެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. ޕީއެންސީގެ ފާތިމަތު ނުޒުހަތު 1141 ވޯޓުގެ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރިއެވެ. ދެވަނަ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ފާޒިރާ ކާމިޔާބުކުރީ 960 ވޯޓުންނެވެ.
ދުވާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހަތަރު މެންބަރުންގެ މަގާމަށް އިންތިޚާބުވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ ފާތުމަތު ރައުޝަން، އާމިނަތު ސަލީލާ، އައިމިނަތު އަހްމަދު އަދި ހާޖަރާ އިސްމާއީލެވެ.
މިކަމާ ގުޅޭގޮތުން ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލީ ވިދާޅުވީ ދުވާފަރުން ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ގެނެސްދެއްވާ ތަރައްގީ ރައްޔިތުން ހެޔޮހިތުން ބަލައިގަންނާތީ ކަމަށެވެ.
”ދުވާފަރު ރައްޔިތުން އަބަދުވެސް ތިބޭނީ ރައީސް ޑރ. މުއިއްޒާއެކު. ރައްޔިތުން ބޭނުންވަނީ ރަށަށް ތަރައްގީ،“ މުހައްމަދު އަލީ ވިދާޅުވިއެވެ.
ދުވާފަރު ކައުންސިލްގެ އިންތިޚާބީ ރައީސް އަހްމަދު ޝާހު ވިދާޅުވީ ސަރުކާރާ ގުޅިގެން ދުވާފަރު ރައްޔިތުންގެ އެދޭ ތަރައްގީ ގެނެސްދިނުމުގައި އިންތިޚާބީ ކައުންސިލަރުން ސާބިތުވެ ދެމިތިބޭނެ ކަމަށެވެ.



