މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޕީޖީ އޮފީހުން ރޭ ހާމަކުރި ގޮތުގައި މި ނިންމުމަކީ އިޤްތިޞާދީ އަސަރުތައް ކުޑަކުރުމަށް ދައުލަތުން އަޅަމުންދާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާ މި ބަދަލުތައް ތަންފީޒުކުރަން ފަށާނީ 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ އަންގާރަ ދުވަހަކު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިތުރުން، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކޮށް ކަރަންޓާއި ކަރުދާސް އަދި އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ނިންމާފައެވެ. އަދި މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމުގެ ސިޔާސަތުގެ ދަށުން މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ބަދަލުތައް ގެނައި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުން ކުރަމުން ގެންދާނެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ އޮފީހުން ދެއެވެ. އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ފަދަ މުހިންމު ބައްދަލުވުންތައް ކުރިއަށް ގެންދާނީ މުވައްޒަފުން ހާޒިރުވެގެންނެވެ.
މި ބަދަލުތަކުގެ ސަބަބުން ޢާންމުންނަށް ނުވަތަ އިދާރާތަކަށް ދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޕީޖީ އޮފީހުގެ ޕޯޓަލް online.pgo.mv މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



