ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ފޮނުވާ އެހީތައް އެތެރެވުން ހުއްޓާލުމަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. މިބަޔާނުގައި މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިންސާނީ ހައްގުތަކާއި ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށްވަނީ ފާހަގަކުރައްވާފައެވެ.
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަން ގެނެސްދިނުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމުގައި ރާއްޖެއިން ދެކޭ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.