އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހާމަކުރައްވައިފިއެވެ.
ޖަލީލު، އިއްޔެވަނީ އުއްޗުގެ އަރިހަށް ޒިޔާރަތް ކުރައްވައިފައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ޗަމްޕާގިރީގައެވެ. އެ ބައްދަލުވުމުގައި ޖަލީލަށް ތާއީދުކުރައްވާ ކަމަށާއި، އޭނާއަށް ވޯޓު ހޯދައިދޭން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އުއްޗު ދެއްވިއެވެ.
ބައްދަލުވުމުގައި އުއްޗު ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތީ ޖަލީލުގެ ކަމަށެވެ. ޖަލީލުމެން ފަދަ ގައުމީ ހިދުމަތުގެ މަތީ ޝަރަފުގެ ޒިންމާ އަދާކުރައްވާފައިވާ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިބުމަށް އަބަދުވެސް އެދިވަޑައިގަންނަވާކަމަށް އުއްޗު ވިދާޅުވިއެވެ.



