ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ނުގޮސް މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް މުބާރާތުން ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގައި ރޭގައި ކުޅުމެޗްތަކަށްފަހު މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ކުއާޓާ ފައިނަލަށް ނުގޮސް މުބާރާތުން ކަޓައިފިއެވެ.

މެންޗެސްޓާ އާއި ފުލްހަމް ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފުލްހަމް އިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް މިގޯލު ކާމިޔާބުކޮށްދިނީ ކެލްވިން ބެސީއެވެ. އެއަށްފަހު މެޗުގެ 71 ވަނަ މިނެޓުގައި މެންޗެސްޓާގެ ކެޕްޓަން ބްރޫނޯ ފަނާންޑޭސް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ދެޓީމަށްވެސް މެޗުގެ ނަތީޖާ އަނބުރާލަން ފުރުސަތުތައް ވަނީ ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ނިމި އަދި އިތުރު ވަގުތުގެ 30 މިނެޓުގައިވެސް އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ފުލްހަމްގެ ގޯލްކީޕަރު ބާންޑް ލެނޯ ވަނީ މެންޗެސްޓާގެ ވިކްޓަރ ލިންޑެލޯފް އަދި ޖޮޝުއާ ޒާކްޒީ ޖެހި ޕެނެލްޓީތައް މަތަކޮށްފައެވެ. އަދި ފުލްހަމްއިން އެޓީމަށް ލިބުނު ހުރިހާ ޕެނެލްޓީއެއް ކާމިޔާބުކުރުމަށްފަހު މެޗުން ވަނީ މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑަކީ މިދިޔަ ސީޒަންގެ އެފްއޭ ކަޕްގެ ޗެމްޕިއަނުންނެވެ. އަދި ފުލްހަމް އެފްއޭ ކަޕްގެ ފައިނަލަށް އެންމެ ފަހުން ދަތަރުކޮށްފައި ވަނީ 1975 ވަނަ އަހަރުއެވެ.

”ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި މުބާރާތުގައި ވަރަށް ސީރިއަސްކޮށް ބައިވެރިވަމުން އަންނަނީ. މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މުބާރާތެއް،“ ފުލްހަމްގެ މެނޭޖަރު މާކޯ ސިލްވާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މީގެ ދެސީޒަން ކުރިން އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުތަކާއި އަޅާބަލާއިރު މިހާރު އެ ޓީމު ވަނީ ”މާ ރަނގަޅު ހާލަތެއްގައި“ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި އަމޮރިމް މެންޗެސްޓާގެ ހެޑް ކޯޗުގެ މަޤާމާ ހަވާލުވިފަހުން އެޓީމު ކުޅުނު 24 މެޗުގެ ތެރެއިން 10 މެޗުން ވަނީ ބަލިވެފައެވެ. އަދި އޯލްޑް ޓްރެފޯޑްގައި ކުޅުނު 6 މެޗުގައި ބަލިވެފައިވާއިރު، ކުރީގެ ކޯޗު އެރިކް ޓެން ހާގަށް 10 މެޗުގައި ބަލިވާން 55 މެޗު ކުޅެން ޖެހުނެވެ. އަމޮރިމް ވަނީ އޯލްޑް ޓްރެފޯޑްގައި އޭނާގެ މަސައްކަތަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިކަން ބަދަލުކުރުމަށް އަމޮރިމް ވަނީ އަޒުމް ކަނޑައަޅާފައެވެ.

ނިއުކާސަލް ޔުނައިޓެޑް އިން ބްރައިޓަން އާއި ދެކޮޅަށް ކުޅުމެޗުން ކާމިޔާބު ހޯދީ ބްރައިޓަންއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ނިއުކާސަލްގެ އިތުބާރު ފޯވާޑް އިސާކް ވަނީ ޕެނެލްޓީއަކުން އެޓީމަށް ކުރި ހޯދައިދީފައެވެ. އެހެންނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދެކި ބްރައިޓަންއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ބްރައިޓަންއަށް އިތުރުވަގުތުގައި މެޗު ކާމިޔާބޮކޮށްދިން ޑެނީ ވެލްބެކް

އެއަށްފަހު ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން އިތުރު ވަގުތު ކުޅެން ޖެހުނެވެ. އިތުރު ވަގުތު ނިމެން ހަމިނެޓަށް ވެފައިވަނިކޮށް ބްރައިޓަންއަށް ގޯލު ކާމިޔާބު ކޮށްދިނީ 34 އަހަރުގެ ޑެނީ ވެލްބެކްއެވެ.

މިމެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ބްރައިޓަން މޮޅުވެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިގެންނެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތަކުގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ބޯންމައުތްއާއި ދެކޮޅަށެވެ. އަދި ފުލްހަމް ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ނުކުންނައިރު، ޕްރިސްޓަން ކުޅޭނީ އެސްޓަން ވިލާއާއި ދެކޮޅަށެވެ. އަދި ބްރައިޓަން ބައްދަލުކުރާނީ ނޮޓިންގހަމް ފޮރަސްޓް އާއި އިޕްސްވިޗް ޓައުންނާއި ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިމެޗުތަށް ކުޅުމަށް ހަމެޖހިފައިވަނީ މާރިޗް މަހުގެ 29 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް