- Advertisement -spot_img

މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރުގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފް އެވެ. މި މަޝްރޫޢަކީ 45.78 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ހިމެނޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 11,609 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން އަދި ނެރު ފުންކުރުމާއި، މިހާރު ހުރި އެއްގަމުތޮށީގެ 308 މީޓަރުގެ ސަރަހައްދެއް ރޫޅާލުމަށްފަހު އައު އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 184 މީޓަރުގެ ބޭރުތޮށި ލުމާއި، 25 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 1550 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މަޑުއްވަރީއަކީ 2,681 މީހުންގެ އާބާދީއެއް އޮތް، މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. ނަމަވެސް ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން މަސްދޯނިފަހަރު އެޅުމަށާއި، ފަތުރުވެރިން އަރާފޭބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން އެމްޓީސީސީން ފާހަގަކުރެއެވެ. މި މަޝްރޫޢު ނިމުމާއެކު އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނިގޮތުގައި 1980 ވަނަ އަހަރު އުފެދުނީއްސުރެ އެ ކުންފުނިން އަންނަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ މަޝްރޫޢުތަކެއް އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް