ސްޕެނިޝް ލަލީގާގައި ރޭގައި ރެއާލް މެޑްރިޑް ގެ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެކަމަކު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ބްރަހީމް ޑިއާޒް އެވެ.
ބެޓިސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޯނީ ކާޑޯސޯ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބެޓިސް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު އިސްކޯއެވެ.
މިލަނޑަށް ފަހުވެސް ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެހެންނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ބެޓިސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މިމެޗުނަ ބަލިވި ރެއާލް މެޑްރިޑް ލީގުގައި ކުޅުނު 26 މެޗުން ލިބުނު 54 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި ލީގުގައި ކުޅުނު 26 މެޗުން ރެއާލް ބެޓިސްއަށް 38 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ.