- Advertisement -spot_img

ފަތުރުވެރިންނަށް އިތުރު ދެ ވިސާއެއް ތައާރަފްކުރަނީ

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފަތުރުވެރިންނަށް އަމާޒުކޮށްގެން ދެ ވިސާއެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފަތުރުވެރިންގެ އަދަދު ނިސްބަތުން ދަށްވެފައިވާ ކަަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުންނެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެއާލައިންތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. އެގޮތުން އޭޝިޔާގެ ސަރަހައްދުން އިތުރު ފަތުރުވެރިން ގެނެވޭނެ ގޮތްތައް ފަހިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ތޯރިގު ވިދާޅުވީ، މިހާރު ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރު ކުރަން ބޭނުންވާ ކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ، ނޮން އެރައިވަލް ވިސާ 30 ދުވަހަށް ކަމަށްވުމާއެކު އެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ރިމޯޓް ވޯކާއަށް ޚާއްޞަ ވިސާއަކާއެކު ކޮންޓެންޓު ކްރިއޭޓާސްއަށް ޚާއްޞަ ވިސާއެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތާއެކު ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ރިމޯޓް ވޯކާރސް ރާއްޖެއައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި ޚާއްޞަކޮށް ގެންސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކަރ ނުވަތަ ކޮންޓެންޓު ކްރިއޭޓަރ ގިނަވެއްޖެނަމަ އެބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ އެހެންވީމައި އެދިމާލަށް މަސައްކަތް ކުރަމުންދަނީ.“ ތޯރިގު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް