އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ފާތިމަތު ސިބާއަށް ބަޔަކު އަނިޔާކުރި ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.
ރާއްޖެ ޓީވީގެ ޚަބަރު ދޮގުކޮށް ފުލުހުން ބުނީ ސިބާއަށް އަނިޔާވީ ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ 2026 މާރިޗު 19 ވަނަ ދުވަހުގެ ހަވީރު 17:25 އެހައިކަންހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެކެއް ކަމަށެވެ.
”ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވެއެވެ. އަދި މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫންކަންވެސް ފާހަގަކުރަމެވެ،“ ފުލުހުން ބުންޏެވެ.
މިފަދައިން ޚަބަރު ފެތުރީ ރާއްޖެ ޓީވީންނެވެ. ނަމަވެސް ރާއްޖެ ޓީވީން ފެތުރީ ދޮގު ޚަބަރުކަން ފުލުހުން މިވަނީ ކަށަވަރުކޮށްދީފައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ފޭރުގަސްމަގު ދެ ނަންބަރު ގޯޅި އަށް އަޅަން އުޅުނު ވަގުތު، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
”މި އެކްސިޑެންޓް ހިނގި ވަގުތު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސީން އިން ބޭނުންވާ މައުލޫމާތާއި އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ނަގާފައެވެ،“ ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



