އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 01:57 ހާއިރުކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ފުލުހުން ބުންޏެވެ. އަދި، އޭރު އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަންޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.
އެ މައްސަލަ އިތުރަށް ބެލުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ތަހުގީގު ޓީމެއް މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ވަނީ ގޮސްފައެވެ.



