- Advertisement -spot_img

ދައުލަތަށް ލިބުނު ހިލޭ އެހީގެ އަދަދު އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެއްޖެ

މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް މިހާތަނަށް ދައުލަތަށް ފައިސާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، މިއަހަރަށް ލަފާކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައެޅީ 373.6 މިލިއަން ރުފިޔާއެވެ. ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 393.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ 19.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 17.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތައިން އިތުރުވެފައެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 14.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 13.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިގޮތުން، ދައުލަތުގެ ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްއެވެ.

މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 6.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް