- Advertisement -spot_img

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރަން 51 މިލިއަންގެ ލޯނު ދޫކޮށްފި

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް 51 މިލިޔަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން އެދިފައިވާއިރު އޭގެތެރެއިން 45 ފަރާތެއްގެ ހުށަހެޅުން ވަނީ އެޕްރޫވްކޮށްފައިކަމަށެވެ.

ދޯނި ފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން އައިސް ހޯދަން ކުރާ ހަރަދު ނިމުމަކަށް އަންނާނެ ކަމަށް މިނިސްޓަރު އަހްމަދު ޝިޔާމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އާރު.އެސް.ޑަބްލިޔު. ސިސްޓަމަކީ، ވަރަށް ޒަމާނީ ސިސްޓަމެއް ކަމަށާއި ދޯނީގައި މި ނިޒަމް ގާއިމް ކުރުމުން އައިސް ހޯދުމަށް ހުރި ދަތިތައް ޙައްލުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާ އެކު މިހާރު ވަނީ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ވަނީ ކުޑަ ކޮށްފައެވެ.މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެއެވެ. މި ލުއިތަކާއި އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެއެވެ.

ގުޅުންހުރި ލިޔުންތައް