- Advertisement -spot_img

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެއީ ގައުމަށް ގައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ޗާގޯސް މައްސަލައިގައި އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ޗާގޯސް މައްސަލައިގައި މޮރިޝަސްއިން މައްސަލަ ހުށަހެޅީ އާބިޓްރޭޝަނަށް ކަމަށާއި ނަމަވެސް ރާއްޖެއިން އެ މައްސަލަ އިޓްލޮސްއަށް ގެންދިޔަ ކަމަށެވެ. އަދި އިޓްލޮސްއިން ނިންމުން އައީ ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލޭ ގޮތަށް ކަމަށެވެ. އަދި ރައީސް ވިދާޅުވީ، ރާއްޖެއަށް ގެއްލުންވާ ފަދަ ނިންމުމެއް ކުރީ ސަރުކާރުން ނިންމީ ކީއްވެތޯ ވަކީލުން ސުވާލުކުރާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ވަކީލުންނަށް 37 މިލިއަން ރުފިޔާ ރައްޔިތުންގެ ފައިސާއިން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖެއިން ކާމިޔާބު ހޯދާނެ ކަމަށެވެ. ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާ އިރު، އޭގައި ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށްފަހު، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުލީގެ ގޮތުގައި އަހަރަކު 101 މިލިއަން ޕައުންޑް، 99 އަހަރު ވަންދެން ދައްކަން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސްވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީއެވެ.

މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށުއަރާ ސަރަހައްދާ މެދު ގޮތެއް ނިންމައިދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގުތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.

ގުޅުންހުރި ލިޔުންތައް