ކޯޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި، ރިއަލް މެޑްރިޑުން ރިއަލް ސޮސިއެޑާޑް ގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމޔާބު ހޯދައިފިއެވެ
ރިއަލް މެޑްރިޑުން ގިނަ މުހިންމު ކުޅުންތެރިން ނުހިމަނައި ކުޅުނު މިމެޗުގެ ކެޕްޓަންކަން ކުރީ ވިނީސިއަސް ޖޫނިއަރ އެވެ، އަދި މިމެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ 19 ވަނަ މިނެޓުގައި 18 އަހަރުގެ ބްރެޒިލް ސްޓްރައިކަރު އެންޑްރިކްއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ރިއަލް މެޑްރިޑްގެ ރައޫލް އަސެންސިއޯއާ ދިމާލަށް ސްޕޯޓަރުން ބޭނުންކުރި ހުތުރު ބަސްތަކެއްގެ ސަބަބުން މެޗު ވަނީ މެދުކަނޑާލަން ޖެހިފައެވެ. އެެހންނަމަވެސް އެއަމަލުތައް ކުށަވެރިކުރުމަށްފަހު އަލުން މެޗު ވަނީ ފަށާފައެވެ.
ރިއަލް ސޮސިއެޑާޑުން މެޗުގައި މޮޅު ކުޅުމެއް ދެއްކިނަމަވެސް، އެޓީމަށް ލިބުނު ފުރުޞަތުތަކުން ގޯލެއް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މިމެޗަށްފަހު އެޓީމުގެ ކެޕްޓަން މިކެލް އޮޔާރްޒަބަލް ބުނީ، ”އަހަރުމެން ބަލިވާން ޖެހޭވަރުގެ މެޗެއް ނޫން މިއީ. މަދުވެގެން އެއްވަރުވާން ޙައްޤުވާ މެޗެއް.”
ދެ ޓީމުގެ ގޯލްކީޕަރުންވެސް ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ސޮސިއެޑާޑްގެ އެލެކްސް ރެމީރޯ 25 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއަރގެ ވަރުގަދަ ޝޮޓެއް ވަނީ ހުއްޓުވާފައެވެ. އަދި ރިއަލް މެޑްރިޑްގެ ގޯލްކީޕަރު އެންޑްރީ ލުނިން ވަނީ ސޮސިއެޑާޑްގެ އޮޔާރްޒަބަލްގެ ކައިރި ޝޮޓެއް ފަސޭހަކަމާއެކު ހުއްޓުވާފައެވެ.
މި ދެޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގު ކުޅޭނީ އޭޕްރިލް 1 ގައި ރިއަލް މެޑްރިޑްގެ ސަންޓިއާގޯ ބަރްނަބިއުގައެވެ. އެ މެޗުގައި ރިއަލް މެޑްރިޑް މަސައްކަތްކުރާނީ ލިބިފައިވާ ހަނި ލީޑުގެ ބޭނުންހިފައި ފައިނަލުން ޖާގަ ހޯދުމަށެވެ. އަދި ރިއަލް ސޮސިއެޑާޑް ޤަބޫލުކުރާ ގޮތުގައި މިއީ އެޓީމަށް ބަދަލު ނުކުރެވޭނެ ނަތީޖާއެއް ނޫނެވެ.