ރޭގައި ކުޅެވުނު ސްޕެނިޝް ކޯޕާ ޑެލް ރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ބާސެލޯނާ އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި ފޯރިގަދަ މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
އެޓްލެޓިކޯ މެޑްރިޑުން މެޗުފެށީވެސް ލަނޑަކުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި ޖުލިއާން އަލްވަރެޒް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ބާސެލޯނާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. އޭގެ ފަސް މިނެޓު ފަހުން، އަނެއްކާވެސް އެންޓުއާން ގްރީޒްމަން ގޯލެއް ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. މެޗުގެ ކުރީކޮޅު ކޮންޓްރޯލް ހޯދާފައިވަނީ އެޓްލެޓިކޯ މެޑްރިޑުންނެވެ.
ނަމަވެސް، ބާސެލޯނާއިން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި، ލަމީން ޔަމާލްގެ ރީތި ޕާހަކުން ޕެޑްރީ ގޯލެއް ކާމިޔާބުކޮށްފައެވެ. އެއަށްފަހު 24 ވަނަ މިނެޓުގައި ޕައު ކުބަރުސީ ވަނީ ކޯނަރ ކިކަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިނީގޯ މާޓީނެޒް ޖަހައިދިން ލަނޑުން ބާސެލޯނާ 2-3 ގެ ނަތީޖާއަކުން މެޗުގެ ކުރިހޯދިއެވެ.
ދެވަނަ ހާފު ކުރިއަށް ގޮސްފައިވަނީ ފުރަތަމަ ހާފަށްވުރެ ފޯރި ގަދަކޮށެވެ. އެގޮތުން ރޮބަޓް ލެވަންޑޮވްސްކީ 74 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑު 2-4 އަށް އިތުރުކޮށްދިނެވެ. ނަމަވެސް، އެޓްލެޓިކޯ މެޑްރިޑުން ދޫނުދީ ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ މާކޯސް ލޮރެންޓޭ 82 ވަނަ މިނެޓުގައި އެޓީމަށް ގޯލެއް ކާމިޔާބުކޮށްދިނުމެވެ. އެއަށްފަހު މެޗުގެ 89 ވަނަ މިނެޓްގައި އެޓީމަށް އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެލެކްސަންޑަރ ސޯރްލޮތް އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ވަނީ އެޓީމުގެ ޑިފެންސިވް މިސްޓޭކްތައް މަދުކުރުން މުހިންމުކަން ފާހަގަކޮށްފައެވެ. އެޓްލެޓިކޯގެ ޑިއޭގޯ ސިމިއޯނޭ ވަނީ މެޗުގެ ކުރީކޮޅު ލީޑު ލިބުނު ނަމަވެސް، މިއީ ފަސޭހަ މެޗަކަށް ނުވާނެކަން އެމީހުންނަށް ކުރިންވެސް އެނގޭކަމަށް ބުނެފައެވެ. އަދި މިމެޗުގެ ނަތީޖާ އެއްވަރުކުރުމަށް އެޓީމުގެ ކުޅުންތެރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ކޯޗު ވަނީ ބުނެފައެވެ.
ސެމީފައިނަލްގެ ދެވަނަ ލެގުގައި މިދެޓީމު މެޑްރިޑްގެ މެޓްރޮޕޮލިޓާނޯގައި ނުކުންނާނީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. މިމުބާރާތުގެ އަނެއް ސެމީފައިނަލުގައި ރިއަލް މެޑިރިޑާއި ރިއަލް ސޮސިއެޑާޑްގެ މެޗު މިރޭ ކުޅެވޭނެއެވެ.