ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރ. އުނގޫފާރާއި ދުވާފަރާ ދެމެދު ހާއްސަ ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މިއީ މި ދެ ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެކެވެ. މި ހިދުމަތުގެ ދަށުން ކޮންމެ ދުވަހަކު އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރު ކުރާނެއެވެ.
މިކަމުގެ ސަބަބުން ދުވާފަރު ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަމުގައި އުނގޫފާރު ރީޖިނަލް ހޮސްޕިޓަލަށް ދިޔުމަށް ފަސޭހަތަކެއް ލިބޭނެއެވެ.
ރައީސް މުއިއްޒު ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އުނގޫފާރާއި އެ ރަށާ ދެމެދު އާރްޓީއެލް ފެރީގެ ހިދުމަތް ޚާއްސަ އިންތިޒާމެއްގެ ދަށުން ފައްޓަވާނެކަން އިއުލާންކުރައްވާފައެވެ.
ރައީސްގެ ދަތުރުފުޅުގައި ދުވާފަރުގައި ވަނީ އާރްޓީއެލް ބަހުގެ ޚިދުމަތް ވެސް ފައްޓަވައިދެއްވާފައެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާ އެއް ބަޔަކީ ސްކޫލް ކުދިންނާއި ބެލެނިވެރިންނެވެ.
ވެރިކަމުގެ ދައުރުގެ ތެރޭގައި ދުވާފަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިންމެވުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.



