ހައިކޯޓުގެ ފަނޑިޔާރު ކަމުން އެމްޑީޕީ ސަރުކާރުން ވަކިކުރި އަބްދުއްރައޫފް އިބްރާހީމް އަލުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ރައޫފާއި އިތުރު ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ބޭފުޅުންނަށް ފްލެޓް ދީފައިވާތީއެވެ.
ރައޫފްގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ވެސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ވަނީ ނިންމާފައެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޓަޔާކުރެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމުންނެވެ.
މީގެއިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ލ. ކަލައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިޔާޒް އައްޔަންކުރަން ވެސް ވަނީ ނިންމާފައެވެ.
އެ ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.



