ދ. ކުޑަހުވަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ފައްޓަވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި ކުޑަހުވަދޫ ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.
މިއީ ދ. އަތޮޅުގައި ކިޑްނީގެ ބަލި ތަހަންމަލް ކުރަމުން އަންނަ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މީގެކުރިން އެ އަތޮޅުގެ ރައްޔިތުން ޑަޔަލިސިސްގެ ހިދުމަތް ހޯދަން އަންނަންޖެހެނީ މާލެއެވެ. އެއީ މާލީގޮތުން ވެސް ވަރަށް ބޮޑު ކުރައެކެވެ. ނަމަވެސް މިއަދުން ފެށިގެން ޑަޔަލިސިސް ހަދަން ދ. އަތޮޅުގެ ރައްޔިތުން މާލެ އަންނަންޖެހުން މާޒީވެ ދިޔައީއެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ކުޑަހުވަދުއާ އެކު މިހާރު 11 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށެވެ.
”މި ދެއަހަރު ދުވަހުގެ ތެރޭގައި 11 ރަށެއްގައި މި ޚިދުމަތް މިހާރު މިވަނީ ފޯރުކޮށްދެވިފައި. މިއީ ކިހާބޮޑު ކާމިޔާބީއެއްކަން ތިބޭފުޅުންނަށް ވިސްނާލައްވަން އަޅުގަނޑު ދޫކޮށްލާނަން.“ ނާޒިމް ވިދާޅުވިއެވެ.
ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުން އެއްފަހަރާއި 3 މީހުންނަށް ފަރުވާ ދެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމެވެ.



