މާލޭގައި ޒަމާންތަކެއް ވަންދެން ހައްލުނުކުރެވި ހުރި ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހައްލުކޮށްދެއްވާފައިވާ ކަމަށް މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
މޫސާ އަލީ ޖަލީލްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ ތަފާތު އެކި އުނދަގޫތަކުން މާލޭގެ ރައްޔިތުން ސަލާމަތްކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
”މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިނގަން ފެށީ 2021 ވަނަ އަހަރުން ފެށިގެން.މާލޭގެ މޭޔަރު ކަމަށް ރައްޔިތުންގެ އެންމެ ގިނަ ވޯޓުން މިހާތަނަށް އިންތިހާބުކުރި ހިދުމަތްތެރި ޒުވާން މޭޔަރު ރައީސް މުއިއްޒު އެ މަގާމުގައި ހުންނެވި 2 އަހަރާއި 5 މަހާއި ދުވަސްކޮޅުގެ ތެރޭގައި މާލެ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާން އައިސްގެން…“ މޫސާ އަލީ ޖަލީލް ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވެސް ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ނަމޫނާ ދައްކަވާފައިވާ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވި އެވެ.
”ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތް ކުރެއްވި. ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވެވި. އެ ބައްދަލުވުންތަކަކީ ސިލްސިލާކޮށް ބޭއްވެވި ރައްޔިތުންގެ އަޑު ގާތުން އެއްސެވި ހާލު އަހުވާލު ބެއްލެވި. މޭޔަރު ކަަމުގައި ހުންނަވައި އެޕޮއިންޓްމަންޓަކަށް އެދުނު ކޮންމެ މީހަކާ، ރައްޔިތަކާ ބައްދަލު ކުރެއްވި،“ އޭނާ ވިދާޅުވި އެވެ.



