ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފަށް ޓްރަމްޕް ގެންގުޅޭ ’ޣައްޒާ އަތުލުމުގެ‘ ޕްލޭނަށް ނަތަންޔާހޫ ތާއީދުކުރާނެކަމަށް ބުނެފި

އެމެރިކާއިން ފަލަސްތީނުގެ ޣައްޒާއިން މީހުން ހުސްކޮށް އެތަން އަތުލުމަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހިލާފަށް ކުރާ މަސައްކަތަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ތާއީދުކޮށްފިއެވެ. އަދި އެޤައުމުގެ ދިފާއީ ވަޒީރު ވަނީ ފަލަސްތީނު ރައްޔިތޔުން ޣައްޒާއިން ’ފުރައިގެން ދިއުމަށް‘ އެހީތެރިވާ އޭޖެންސީއެއް ވެސް އުފައްދާފައެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ ޣައްޒާ ސްޓްރިޕް އަތުލައި އެތަނުގެ ފަލަސްތީނު ރައްޔިތުން ނަގުލުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ”އެއްބަސްވެފައިވާ“ ކަމަށެވެ. މިކަމަށް މަސައްކަތްކުރުމަށް މިވަގުތު އެމެރިކާގެ އިސް ޑިޕްލޮމެޓެއްވަނީ ސައުދީ އަރަބިއްޔާއަށްވެސް ގޮސްފައެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ނެތަންޔާހޫ ބުނެފައިވަނީ ”ތަފާތު ޣައްޒާއެއް އުފެއްދުމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ ޕްލޭނަށް އެއްބަސްވެފައިވާ“ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގައި ނަސްލުނައްތާލުމަށް ހިންގާ ޖަރީމާތަކުގައި 48،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްފައިވާއިރު، މިހާރުވެސް ޣައްޒާ ވަނީ އެމެރިކާގެ އެހީއާއިއެކު މީހުން ނޫޅެވޭވަރަށް ސުންނާފަތިކޮށްލާފައެވެ. އަދި ޔަހޫދީގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް އާއިލާއެއް ވަނީ މަގުމަތިވެފައެވެ.

ޖެރޫސެލެމްގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާ ބައްދަލުކޮށް ނަތަންޔާހޫ ބުނެފައިވަނީ ”ޣައްޒާގެ މުސްތަޤްބަލަށް ޓްރަމްޕްގެ ހިތްވަރުގަދަ ވިޝަން“ އަށް ތާއީދުކުރާނެކަމަށެވެ. އެހެންނަމަވެސް އިންސާނީ ޙައްޤުތަކާއި ހިލާފަށް ޣައްޒާ ފަލަސްތީނު ރައްޔިތުން އަތުން ގަދަކަމުން އަތުލުމުގެ ބާރު ޓްރަމްޕަށް ލިބިފައިނުވާކަމަށް ދުނިޔޭގައި ސުލްހައަށް ލޯބިކުރާ އެންމެންވެސް ބުނެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު އަމަލެއްގެ ގޮތުގައި ދުނިޔެއިން ފާހަގަކޮށް އެކަން ކުށްވެރި ކުރެއެވެ. އަދި ކުށެއްކުރުމަށް މީހާ އުޅުމަކީ އެނާގެ ހިތްވަރުދަގަ ކަމެއްނޫނެވެ. އެއީ އޭނާގެ ފިނޑިކަމެވެ.

ޓްރަމްޕްގެ ޕްލޭނަށް ތާއީދުކޮށް އިސްރާއީލުގެ ދިފާއީ ވަޒީރު ކަޓްޒް ވަނީ ހޯމަ ދުވަހު ޣައްޒާއިން ފަލަސްތީނުން ”އަމިއްލަ އިޚްތިޔާރުގައި ފުރައިގެން ދިއުމަށް“ ޚާއްޞަ ޕްލޭނެއް އެކުލަވާލާފައެވެ. އެގޮތުން އެހެން ޤައުމަކަށް ދާން ބޭނުންވާ ޣައްޒާގެ ކޮންމެ ރައްޔިތަކަށް އެކަމުގައި އެހީތެރިވެދޭނެކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މިގޮތަށް ޣައްޒާ ދޫކޮށްފައި ދާ ރައްޔިތުންނަށްވެސް ޔަހޫދީން ކަންކުރާނީ ”ނުލަފާކޮށް“ ކަމަށް މާހިރުން ދެކެއެވެ.

ޓްރަމްޕްގެ ހުށަހެޅުމަށް އަރަބި ބައެއް ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ނަމަވެސް މި ހަފްތާގައި ރޫބިއޯ ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރައްވާ ދަތުރުގައި މި ކަންތައް އެޖެންޑާގައި ހިމެނޭނެއެވެ. ރޫބިއޯއަށް ހޯމަ ދުވަހު ރިޔާދުގައި ސައޫދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މަރުޙަބާ އަދާކުރިއެވެ. މިއީ މެދުއިރުމަތީގެ ސަރަޙައްދަށް އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ކުރައްވާ ފުރަތަމަ ދަތުރުގެ އެންމެ ފަހުގެ ބައްދަލުވުމެވެ.

ސައޫދީ އަރަބިއްޔާއިން ދަނީ ޓްރަމްޕްގެ ޣައްޒާ ޕްލޭނާ ދެކޮޅަށް އަރަބި ޤައުމުތަކުގެ ކައުންޓަރ ޕްރޮޕޯސަލެއް އެކުލަވާލުމުގެ މަސައްކަތް އިސްނަގައިގެން ކުރަމުންނެވެ. މީގެ ތެރޭގައި ގަލްފް ޤައުމުތަކުން އިސްނަގައިގެން ހިންގާ އާރާސްތުކުރުމުގެ ފަންޑެއް އަދި ހަމާސް އެއްކިބާކުރުމުގެ އެއްބަސްވުމެއް ހިމެނުން އެކަށީގެންވެއެވެ. ސައޫދީ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ފަލަސްތީނުން އެމީހުންގެ ބިމުން ނަގުލުކުރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އިންކާރުކުރާ ކަމަށެވެ.

އެފަހުން ދިން އިންޓަވިއުއެއްގައި ރޫބިއޯ ބުނެފައިވަނީ އަރަބި ސަރުކާރުތަކުން ހުށަހަޅާ އެހެން ހުށަހެޅުންތަކަށް އެމެރިކާއިން ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތަށް، ”ހަމައެކަނި ޕްލޭނަކީ ޓްރަމްޕްގެ ޕްލޭން“ ކަމަށެވެ.

މިހާރު އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހޯމަ ދުވަހު ޣައްޒާގެ ހުއްޓުމުގެ ދެވަނަ ފިޔަވަހި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ދެވަނަ ފިޔަވަހީގައި – ހަމާސްއިން ބާކީ ތިބި ރަހީނުން ދޫކޮށްލުމާ ބަދަލުގައި ބަންދުގައިތިބި ފަލަސްތީނު ރައްޔިތުން ދޫކޮށްލުމާއި، ހަނގުރާމަ ދާއިމީކޮށް ހުއްޓުމާއި އިސްރާއީލުގެ ބާރުތައް ޣައްޒާއިން ފުރިހަމައަށް ފޭބުން ހިމެނެއެވެ. އެހެންމަވެސް މިކަމަށް އަދި އެއްބަސްވެވިފައެއް ނުވެއެވެ.

އިސްރާއީލު ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ މެންބަރުން، އޭގެ ތެރޭގައި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ހިމެނޭ ގޮތުން، ބުނެފައިވަނީ ހަނގުރާމަ އަލުން ނުފެށޭނަމަ ނެތަންޔާހޫގެ ކޯލިޝަނުން ވަކިވާނެ ކަމަށެވެ.

މިހާތަނަށް، ޖަނަވަރީ 19 ގައި ފެށުނު ހުއްޓުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިސްރާއީލުން ގެންދެވުނު 19 ރަހީނުން ވަނީ ދޫކޮށްލެވިފައެވެ. މި މަރުޙަލާގައި ޖުމްލަ 33 ރަހީނުން ދޫކޮށްލެވޭނެ ކަމަށް ބެލެވެއެވެ. ނަތަންޔާހޫ ބުނެފައިވަނީ ހުރިހާ ރަހީނުން ދޫކޮށްނުލައިފިނަމަ ޣައްޒާއަށް ”ނަރަކައިގެ ދޮރުތައް ހުޅުވޭނެ“ ކަމަށެވެ.

ޓްރަމްޕް އިދާރާގެ އިސް މެންބަރުން ވެސް ވަނީ މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް