އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި، ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވައިލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމަށް ކަމަށެވެ. ބްރެއިލްއަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބޭ އެއްޗެއް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މައުލޫމާތާއި ފުރުސަތުތައް ލިބިގެން ކަމަށެވެ.
ރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކޮންމެ ނިންމުމެއްވެސް އެންމެން ޝާމިލުވާ ގޮތަށް ނިންމަންކަމަށް ރައީސް ވިދާޅުވިއެވެ. އެންމެންނަށް ފުރުސަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އެމަނިކުފާނުގެ ވިދާޅުވިއެވެ.



