ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ އިމާރާތްކޮށްފައިވާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެއްލިގެން ހޯދަނިކޮށް އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މާދަމާ 2:00 ގައި ބާއްވާ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުކުރުމަށްޓަކައި މަންޑޭ މިހާރު ހުރީ ފުލުހުންގެ ބަންދުގައި ބަހައްޓާފައެވެ.
މަންޑޭ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުނުވުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން މާދަމާ 2:00އަށް އޭނާ ހާޒިރުކުރަން އަމުރެއް ނެރެފައެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާއެއް އުފުލިއެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ 1 ދައުވާއެވެ.



