އާދިއްތަ, ޖެނުއަރީ 18, 2026
spot_img
- Advertisement -spot_img

ޕީއެންސީން ކައުންސިލް އިންތިޚާބުގެ 97 އިންސައްތަ ގޮނޑިއަށް ވާދަކުރާނެ: ފަލާހު

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، އިންތިހާބުގެ 97 އިންސައްތަ ގޮނޑިއަށް ވާދަކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވަނީ އެކަން ހާމަކުރައްވާފައެވެ.

ފަލާހް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިހާތަނަށް 97 އިންސައްތަ ގޮނޑިއަށް ޕާޓީ ޓިކެޓުގައި ވާދަކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 1،300 އަށް ވުރެ ގިނަ މީހުން ޕީއެންސީ ޓިކެޓުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކަމަށް ފަލާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި އެއްވެސް ސިޔާސީ ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ މިފަހަރު ޕީއެންސީން ކަމަށެވެ. ކުރިން ބޭއްވި އިންތިހާބުތަކުގައި ސިޔާސީ ޕާޓީއަކުން އެންމެ މައްޗަށް ވާދަކޮށްފައި ވަނީ 85 ޕަސެންޓް ގޮނޑިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންސީގެ މެންބަރުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ޕާޓީގައި ތިބީ 69،000 މެންބަރުންނެވެ. ނަމަވެސް މިހާރު އެ އަދަދު 70،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް