ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މ. ރަނިކަ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ކަމަށެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް، އައްޔަނު ކުރައްވާފައިވަނީ ގއ.ވިލިނގިލި، ވައިޖެހޭގެ، ޝަހީދު މުޙައްމަދެވެ.
ޝަހީދު މުހައްމަދު މިހާތަނަށް އޭނާ ހުންނެވީ އާސަންދަ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައެވެ.
މީގެއިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، ވެސް ބޭފުޅަކު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، އައްޔަނު ކުރައްވާފައި ވަނީ އއ.ރަސްދޫ، ފުނަމާލެ، އަޙްމަދު ޝާކިރު އެވެ.



