ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނިކުރުމަށެވެ. އަދި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން އިސްލާހު ހުށަހެޅުއްވިއެވެ.
ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާނަމަ، އެ މުއްދަތުގެ ތެރޭގައި އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.
މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ ދިނުމުގެ އިތުރުން ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖެއްސުމަށް ވެސް އިސްލާހުގައި ވަނީ ހަމަނާފައެވެ.
އިސްލާހުގައި ވަނީ އިގުތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ކޮންމެހެން ޚަރަދު ކުޑަކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެ ކަމަށެވެ.



