ރ. ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑް ކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފިއެވެ.
މިއަދު ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާގެއްގައި މި އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. މި މަސައްކަތް ހަވާލު ކުރި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އަރިހުގައި ދާއިރާގެ މެންބަރު މުހައްމަދު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯ ރޫމްސް ގާއިމް ކުރުން ހިމެނެއެވެ.



