އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އުޒުރަކާއި ނުލައި ނަމާދު އެޅުމަކީ އެމީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ހުކުރު ހުތުބާ

އުޒުރަކާއި ނުލައި ނަމާދު އެޅުމަކީ އެމީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް ކަމުގައިވާއިރު، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ބަރާބަރަށް ނަމާދު ކުރަނީ ހަމައެކަނި ރަމަޟާން މަހުގައި ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ ”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“ މިއެވެ.

ހުތުބާގައި ބުނީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާންމަހުގައި ބަރާބަރަށް ނަމާދު ކުރާ މީހުން ނުވަތަ ހަމައެކަނި ހުކުރު ނަމާދުކޮށް، އަދި ބައެއް ނަމާދުތައް ކުރުމަށްފަހު، އެހެން ނަމާދުތަކަށް ފަރުވާ ކުޑަ ކުރާ މީހުން ކަމަށެވެ.

މިގޮތްގޮތަށް ނަމާދު ކުރުމަކީ، ނަމާދަށް އިންކާރު ނުކުރިޔަސް ވަރަށް ބޮޑަށް ފާފަވެރިވާނެ ކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށާއި، އެ އަޅުކަމަށް ފަރުވާތެރި ވަގުތުގައި އަދާ ކުރުމަކީ އިސްލާމްކަމުގެ ރަމްޒެއް ކަމަށެވެ. ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއްނޫންކަމަށާ މަރު ބައްދަލު ކުރުމުގެ ކުރިން ތައުބާވެސް ނަމާދަށް ފަރުވާތެރިވެ ނަމާދު ގާއިމު ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. ރަސޫލު الله ﷺ ހަދީޘްކުރައްވައިފައި ވެއެވެ. (رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُوْدُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ) މާނައީ: ”ދީނުގެ ބޮލަކީ، ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ. އަދި ދީނުގެ އެންމެ އުސް ކުރިބޯއްޓަކީ، (اللهގެ މަގުގައި) ޖިހާދުކުރުމެވެ.“

އިތުރު ހަދީޘްފުޅެއްގައިވެއެވެ. ”ހަމަކަށަވަރުން، ގިޔާމަތް ދުވަހު އަޅާގެ އަމަލުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ ހުށީ އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެނަމަ، ހަމަކަށަވަރުން އޭނާ ކާމިޔާބުވެ ނަޖާވާ ހުއްޓެވެ. ފަހެ، އެ ނަމާދު ފާސިދުވެއްޖެނަމަ، ހަމަކަށަވަރުން އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާހުއްޓެވެ. ފަހެ ފަރުޟު ނަމާދުން ބައެއް އުނިވާނަމަ (މަލާއިކަތުންނަށް) ވަހީކުރައްވާ ހުއްޓެވެ.  ތިމަންރަސްކަލާނގެ އަޅާ ސުންނަތް ނަމާދު ކޮށްފައިވޭތޯ ތިޔަ ބޭކަލުން ބައްލަވާށެވެ! އެއަށްފަހު ފަރުޟު ނަމާދުގެ ތެރެއިން އުނިވާ ބައި، އެއިން ފުރިހަމަ ކުރެވޭނެއެވެ! ދެން މިފަދައިން، އެހެން ކޮންމެ އަމަލަކާއިމެދުގައި ވެސް ބެއްލެވޭ ހުއްޓެވެ.“

ހުތުބާގައި ބުނެފައިވާ ގޮތުން ނަމާދަކީ ލޮލުގެ ފިނިކަމެވެ. އަދި ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ނަމާދު ލައްވައިފައިވެއެވެ.

ހުތުބާގައި ބުނީ، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭއަޅުކަމެއް ކަމަށާ ކާމިޔާބާއި ނަސްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެއް ކަމަށެވެ.

އަދި އިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް ކަމަށް ނަމާދުވާއިރު އެއީ އިޖުތިމާއީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް الله ވަހީކުރައްވައިފައި ވެއެވެ. ”ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ.“

ހުތުބާގައި އިތުރަށް ބުނީ، ނަމާދަކީ ތަގުވާވެރިވުމަށް އޮތް ބާރެއް ކަމުގައި މާތްﷲ ކަނޑައަޅުއްވައިފައިވާ ކަމަށެވެ. އަދި އިސްލާމްކަމާއި ކާފިރުކަމާއި ވަކި ކުރާ އިމަކީ ވެސް ނަމާދުކަން މިއަދުގެ ހުތުބާގައި ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް