އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫގެ ޝާހީ ލަގަބުތަކާއި ގަނޑުވަރު އަތުލައްވައި، ޝާހީ އާއިލާއިން އޭނާ ބޭރު ކުރައްވައިފިއެވެ.
ޕްރިންސްގެ ލަގަބު އަތުލުމުން، އެންޑްރޫއަށް މިއަށް ފަހު މުޚާޠަބު ކުރެވޭނީ އޭނާގެ ފުރިހަމަ ނަމުންނެވެ. އެއީ، އެންޑްރޫ މައުންޓްބެޓަން ވިންޑްސަރއެވެ.
ޝާހީ ޢާއިލާއާއި ގަނޑުވަރުން އެންޑްރޫ ބޭރު ކުރައްވަން ރަސްގެފާނު ޗާލްސް ނިންމަވާފައި ވަނީ، އެންޑްރޫއާއި ޖެފްރީ އެޕްސްޓީނާ (މިހާރު މަރުވެފައި) ދެމެދު އޮތް ގާތް ގުޅުންތައް މީޑިޔާއަށް ތިލަވެ، އެންޑްރޫއާ ދެކޮޅަށް ޖިންސީ ކުށުގެ ދަޢުވާތަކެއް ހުށަހެޅިފައި އޮތުމާއެކު، އެ ލަދުން ޝާހީ އާއިލާ ސަލާމަތް ކުރައްވައި، ފެޔަށް ޖެއްސެވުމުގެ ގޮތުންނެވެ.
65 އަހަރުގެ އެންޑްރޫއަކީ ރާނީ އެލިޒަބަތުގެ ދެވަނަ ފިރިހެން ދަރިފުޅެވެ. އެޕްސްޓީނާއި އެންޑްރޫއާ ދެމެދު އޮތް ގާތް ގުޅުންތައް ދުނިޔޭގެ ލޯމައްޗަށް ހާމަވުމާއެކު، ޑޫކް އޮފް ޔޯކްގެ ލަގަބު ދޫކޮށްލުމަށް އެންޑްރޫއަށް ކުރިން މަޖުބޫރުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރެވެ. ޖޫން 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވިއެވެ. އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރިއެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވާ ފެނިފައެވެ.
ޝާހީ ޢާއިލާގެ އެންމެހައި ޒިންމާތަކުން އެންޑްރޫ އެކަހެރިވެފައި ވަނީ 2019ވަނަ އަހަރުއެވެ. އަދި، 2022ވަނަ އަހަރުގެ ޖަނަވަރީ މަހު ޝާހީ ގަނޑުވަރުން ވަނީ އެންޑްރޫގެ އަސްކަރީ ލަގަބުތައް ވަކިކޮށް، ޝަހީ ގަނޑުވަރުގެ ހުރިހާ ބާރުތަކެއް ވެސް އަތުލާފައެވެ.
ޝަހީ ގަނޑުވަރުން އެ ގޮތަށް އަމަލު ކޮށްފައި ވަނީ ރާނީ އެލިޒަބަތު އަވަހާރަވެ ވަޑައިގެންނެވުމުގެ ކުރިން، ރާނީގެ އަމުރަށެވެ. އެންޑްރޫގެ ލަގަބުތައް ވަކިކުރައްވައި، އޭނާ އެކަހެރި ކުރުމަށް ރާނީ އަމުރު ކުރައްވާފައި ވަނީ 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލުމާ ގުޅިގެންނެވެ. އެންޑްރޫ ދަނީ އެ ތުހުމަތަށް އިންކާރު ކުރަމުންނެވެ.



