ފަލަސްތީނަށް އެހީގެ ސާމާނާއެކު ދަތުރުކުރި ފްލޮޓިލާ އުޅަނދުފަހަރަށް އިސްރާއީލުން ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ސީދާ ޚިލާފު ކަނޑުފޭރުމުގެ ޢަމަލެއް ކަމަށް ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރައްވާ ޤާނޫނީ ވަކީލު ޑައިއާނާ ބުޓޫ ވިދާޅެއްޖެއެވެ.
މިގޮތުން ބައިނަލްއަގްވާމީ ކަނޑުގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކަށް އަރައިގަނެ، އެ ފަރާތްތައް ހިފާ ހައްޔަރުކޮށް އިސްރާއީލަށް ގެންދިއުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބޮޑު ޚިލާފުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އޭޖޭ+“ އަށް ދެއްވި އިންޓަވިއުއެއްގައި ޑައިއާނާ ބުޓޫ ވިދާޅުވީ، އިސްރާއީލުން ހިންގި މި އަމަލުގައި، ހުރިހާ އުޅަނދުތަކެއްވެސް އޮތީ ބައިނަލްއަޤްވާމީ ކަނޑުގައިކަން ހަނދާން ބެހެއްޓުން މުހިންމު ކަމަށެވެ.
”އިސްރާއީލުން ބައިނަލްއަޤްވާމީ ކަނޑަށް ނުކުމެ، އެހެން ޤައުމެއްގެ ދިދައިގެ ދަށުން ދަތުރުކުރާ އުޅަނދަކަށް އަރައި… މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް،“ އޭނާ ވިދާޅުވިއެވެ.
ބުޓޫ އިތުރަށް ވިދާޅުވީ، މިފަދަ ހާލަތްތަކުގައި، އިސްރާއީލުން މީހުން ވަގަށްނަގައި އިސްރާއީލަށް ގެންދަނީ (އެމީހުން ދާން ގަސްތުކުރި ޤައުމެއް ނޫން) ކަމަށެވެ. އަދި އެތަނުން އެމީހުންނަށް އިސްރާއީލަށް ވަނުމުގެ ކުށުގެ ދަޢުވާ އުފުލައި، އެއަށްފަހު ޑިޕޯޓްކުރާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މިކަންކަމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ނުވަތަ ’ބައިނަލްއަޤްވާމީ ވައްކަމެއް‘ ކަމުގައި ބެލެވިދާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަން ސާބިތުކޮށްދޭ އެތައް ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި މައިގަނޑު ދެ ސަބަބެއް ފާހަގަކުރެވެއެވެ:
ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގެ ދަށުން، މަތީ ކަނޑުގައި (ބައިނަލްއަޤްވާމީ ކަނޑުގައި) ދުއްވާ އުޅަނދުފަހަރު އާންމުކޮށް ހިނގަނީ އެ އުޅަނދެއްގެ ދިދަ ނިސްބަތްވާ ޤައުމެއްގެ ޚާއްޞަ އިޚްތިޞާޞްގެ ދަށުންނެވެ. ”ބައިނަލްއަގްވާމީ ކަނޑުގެ މިނިވަންކަން“ އަކީ އަސާސީ އުސޫލެކެވެ. ދިދަ ނިސްބަތްވާ ޤައުމުގެ ހުއްދައެއް ނެތި، ބައިނަލްއަޤްވާމީ ފެނުގައި އެހެން ޤައުމެއްގެ އަސްކަރީ ބާރުތަކުން ބޭރު އުޅަނދެއް ހުއްޓުވުމަކީ އާންމު ގޮތެއްގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ބޮޑު ޚިލާފުވުމެކެވެ.
ފްލޮޓިލާ އުޅަނދުތައް ގިނަފަހަރަށް ހިފެހެއްޓެނީ އިސްރާއީލުގެ ސަރަޙައްދީ ކަނޑުން (އާންމު ގޮތެއްގައި އެއްގަމުން 12 ނޯޓިކަލް މޭލު) ވަރަށް ދުރުގައެވެ. ބައިނަލްއަޤްވާމީ ކަނޑުގައި އުޅަނދުފަހަރު ހިފެހެއްޓުން ހަނިކުރެވިފައިވަނީ ވަރަށް ޚާއްޞަ އިސްތިސްނާތަކަކަށް (ވައްކަން، އަޅުން ވިޔަފާރި، ހުއްދަނެތި ބްރޯޑްކާސްޓްކުރުން، ނުވަތަ ހޮޓް ޕަރސޫޓް ފަދަ) ހާލަތްތަކުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަދަނީ އެހީގެ އުޅަނދުތަކަށް މިދެންނެވި އިސްތިސްނާތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގައެވެ.
މިކަމުން ދައްކުވައިދެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޤާނޫނީ އުސޫލުތަކަށް އިސްރާއީލުން ކުރާ އިހުތިރާމާ މެދު ސުވާލު އުފެދޭ ކަމެވެ. އަދި އެބައިމީހުންނަށް މިފަދަ އެއްވެސް ގާނޫނެއްވެސް ނޯންނަކަމެވެ.



