އެމެރިކާގެ ރައީސް ޓްރަމްޕާއި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް ބުނެ އައު ސުލްހައިގެ ޕްލޭނެއް ހުށަހަޅާފައެވެ.
މި ޕްލޭންގައި ހަމާސް އިން ރަހީނުން ދޫކޮށްލުމާއި ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމާއެކު، ޣައްޒާގައި ފަންނީ ފަރާތްތައް ހިމަނައިގެން ވަގުތީ ސަރުކާރެއް ގާއިމު ކުރުމަށް ބޭނުންވާ މުހިންމު ނުކުތާތަކެއް ހިމެނެއެވެ. ޣައްޒާގެ ސުލްހައިގެ ޕްލޭނަށް އެއްބަސްވެފައިވާ ކަމަށް މި ހަނގުރާމައަށް ސީދާ ގޮތުން އިޒްރޭލަށް އެހީތެރިވެދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ.
އަދި ޕްލޭން ގަބޫލު ކުރުމަށް މި ދެ މީހުން ވަނީ ހަމާސް އަށް އިންޒާރު ދީފައެވެ. މި ޕްލޭންގައި ހުށަހަޅާފައިވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، 72 ގަޑިއިރުގެ ތެރޭގައި ހަމާސް އިން 20 އިސްރާއީލުގެ ރަހީނުންނާއި މަރުވެފައިވާކަމަށް ޤަބޫލުކުރެވޭ 20 އަށްވުރެ ގިނަ ރަހީނުންގެ ހަށިތައް ހަވާލު ކުރުމެވެ. މި ޕްލޭންގެ ދަށުން އެތައް ސަތޭކަ ފަލަސްތީނު މީހުން އިސްރާއީލުގެ ބަންދުން ދޫކޮށްލެވޭނެކަމަށް ބުނެއެވެ.
ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވުނު މަޝްވަރާ ތަކަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ މިއީ ”ސުލްހަ އަށް ތާރީޚީ ދުވަހެއް“ ކަމަށެވެ. ނަމަވެސް ހަމާސް އިން މި ޕްލޭނާ އެއްބަސް ނުވާ ނަމަ ”ހަމާސްގެ ނުރައްކާ ނައްތާލުމުގެ މަސައްކަތް ނިންމުމަށް“ ނަތަންޔާހޫ އަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބުނެ މުސްލިމުންނަނަށް އޭނާ ވަނީ ގޮންޖަހާފައެވެ.
އޭގެފަހުން ނަތަންޔާހޫ ބުނި ގޮތުގައި ހަމާސް އިން މި ޕްލޭން ބަލައިނުގަތްފި ނަމަ ނުވަތަ އެއާ އެއްގޮތަށް ޢަމަލު ނުކޮށްފި ނަމަ ”އިސްރާއީލުން މަސައްކަތް ނިންމާނެ“ ކަމަށެވެ. އަނެއްކޮޅުން އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކް ގައި ހިންގާ ޕެލަސްޓައިން އޮތޯރިޓީން އެމެރިކާ ރައީސްގެ މަސައްކަތަކީ ”ތެދުވެރި އަދި ޢަޒުމާއެކު“ ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަކޮށްފައެވެ.
މި ހުށަހެޅުން ތަންފީޒު ކުރެވިއްޖެ ނަމަ، ވަގުތުން ހަނގުރާމަ ހުއްޓާލެވޭނެއެވެ. ޓްރަމްޕްގެ ޕްލޭންގެ ދަށުން، ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ އެވެ. އަދި އެމީހުންގެ ބިމުއަޑީގެ ޓަނަލްތަކާއި ހަތިޔާރު އުފައްދާ ތަންތަން ނައްތާލެވޭނެއެވެ.
ދެފަރާތުން މި ހުށަހެޅުމާ އެއްބަސްވުމުން ”ޣައްޒާ އަށް ފުރިހަމަ އެހީ ވަގުތުން ފޮނުވޭނެ“ ކަމަށްވެސް ބުނެފައިވެއެވެ.
މި ޕްލޭން އިޢުލާން ކުރެވުނީ ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދުނު ދަނޑިވަޅެއްގައި ނަތަންޔާހޫ އ.ދ.ގެ ޢާންމު މަޖިލީހުގައި ދެއްކި ވާހަކަގައި ގިނަ ހުޅަނގުގެ ޤައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް ފާޑު ކިޔާފައި ވަނިކޮށްނެވެ.
ޓްރަމްޕް ދެވަނަ ދައުރަކަށް ވައިޓް ހައުސް އަށް އައުމަށްފަހު ނަތަންޔާހޫ އަށް ވަރުގަދަ އެއްބާރުލުމެއް ދެއްވަމުން ވަނީ ގެންގޮސްފައެވެ. އަދި ޓްރަމްޕަކީ ނަތަންޔާހޫއާއި ގުޅިގެން ކުށެއްނެތް އެތައް ކުޑަ ކުދިންނާއި އަންހެނުން މެރުމުގެ ފަހަތުގައިވާ ދެމީހުންނެވެ.
އިސްރާއީލުގެ ސިފައިން ޣައްޒާގައި ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނަށް ދިން ކުއްލި ހަމަލާ އަކަށް ފަހުގައެވެ. މި ހަމަލާގައި އިސްރާއީލުން 1,200 މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ. އޭގެފަހުން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 66,055 މީހުން ފަލަސްތީނުގައި ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހަމާސް ހިންގާ ޞިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ. އ.ދ.ގެ އެހީގައި ހިންގާ ޖަމްޢިއްޔާއަކުން ފަހުން ކަށަވަރު ކޮށްފައި ވަނީ ޣައްޒާ ސިޓީގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ކަމަށެވެ. މި މަހުގެ ކުރީކޮޅު، އ.ދ.ގެ ތަޙްޤީޤު ކޮމިޝަނަކުން ނިންމާފައި ވަނީ އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގާފައިވާ ކަމަށެވެ.



