އދ. ކުނބުރުދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ގާސިމެވެ.
މި މަޝްރޫއުގެ ދަށުން 4،600 އަކަ ފޫޓުގެ ސަރައްދެއްގައި 12 އެނދުގެ އިމާރާތެއް ބިނާ ކުރެވޭނެއެވެ. އަދި މި މަޝްރޫއަކީ 8.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭ ނިންމުމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާއެކު، ރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށާއި މިކަމުގެ ސަބަބުން އެރަށުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރު ކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާއި ގުޅިގެން ކުރަން ޖެހޭ މާލީ ހަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށެވެ.