ޑިމޮކްރަސީއަކީ ހިތަށްއެރިހާ ވާހަކައެއް ދެއްކުން ނޫންކަމަށާއި އަދި އެއީ ހިތަށްއެރިހާ އެއްޗެއް ލިޔުމެއްވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ މިއަދަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސްކަން ފާހަގަކުރައްވާ މެންބަރުންނަށް ދުވަހުގެ ތަހުނިޔާ ކިޔުއްވާފައެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަޖިލީހުގެ މެންބަރުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ޑިމޮކްރަސީގެ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި، ޚިޔާލު ތަފާތުވުން އޮތްނަމަވެސް ޤައުމީ ކަންކަމުގައި ޤައުމުގެ މަސްލަހަތު އިސްކުރައްވައިގެން މެންބެރުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ޚިޔާލު ތަފާތުވުމަކީ ކަންކަން ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެކަމަކީ ޑިމޮކްރަސީއާ ދުރަށް ދެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
މީގެއިތުރުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ގަބޫލުކުރައްވައިގެންތިއްބަވާ، ޤާނޫނުތަކާއި ގަވައިދުތަކާއި ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން މެންބަރުން މަސައްކަތްކޮށްދިނުމަށްވެސް މަޖިލިސް ރައީސް އަބްދުއްރަހީމް އެދިވަޑައިގަތެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަސް ފާހަގަކުރަނީ އިންޓަނޭޝަނަލް ޑިމޮކްރަސީ ދުވަހުގެ ގޮތުގަ އެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.