ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ތާއީދުކޮށް ޖަރުމަނުގެ މަގުތަކަށް އެތައްހާސްބަޔަކު ނިކުމެ ބޮޑު މުޒާހާރެއް ބާއްވައިފިއެވެ.
ޖަރުމަނުގެ ވެރިރަށް ބާލިންގެ ތާރީޚީ ބިނާއެއް ކަމަށްވާ ބްރެންޑެންބަރގް ގޭޓް ސަރަޙައްދުގައި ހޮނިހިރު ދުވަހު ގާތްގަނޑަކަށް 12،000 އެއްހާ މީހުން މުޒާހަރާ ކޮށްފައިވާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި މުޒާހަރާއަކީ، ފާއިތުވި މަސްތަކުގެ ތެރޭގައި ޖަރުމަނުގައި ފަލަސްތީނަށް އެއްބާރުލުން ދިނުމުގެ އެއްވުންތަކުގެ ތެރެއިން ބޭއްވުނު އެންމެ ބޮޑު އެއްވުމެވެ.
މި އެއްވުން އިންތިޒާމުކުރި ޖަރުމަނުގެ އެންމެ ބޮޑު ވައަތުފިޔައިގެ ޕާޓީ، ބީއެސްޑަބްލިއު އިން ބުނާ ގޮތުގައި، 20,000 އަށް ވުރެ ގިނަ މީހުން މި މުޒާހަރާގައި ބައިވެރިވެފައި ވެއެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.
ބާލިންގެ އިތުރުން ހެމްބަރގް އިން މުޒާހަރާގައި ބައިވެރިވި 20 އަހަރުގެ ދަރިވަރެއް ކަމަށްވާ މެރީ އަޓްވާން އޭއެފްޕީ އަށް ބުނި ގޮތުގައި، ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މުޅިން ހުއްޓާލުމަށް ގޮވާލުމަކީ އޭނާގެ މަޤްޞަދެވެ. ހަތިޔާރު ވިއްކުން މަނާ ނުކުރުމަކީ ޣައްޒާގައި ހިނގާ ޖަރީމާތަކަށް ތާއީދުކުރުން ކަމަށް އޭނާ ދެކެއެވެ. މުޒާހަރާގައި ބައިވެރިވި އެހެން ޒުވާނަކު އޭއެފްޕީ އަށް ބުނި ގޮތުގައި، ”މަޢުޞޫމު ކުޑަކުދިން ޝަހީދުވެ، ބަނޑުހައިހޫނުކަމުގައި“ އުޅެންޖެހިފައިވާ ޣައްޒާގެ ހާލަތުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވެއެވެ.
ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިޗް މެރޒް އޯގަސްޓް މަހު ބައެއް ހަތިޔާރު އެކްސްޕޯޓް ކުރުން މަނާކުރެއްވި ނަމަވެސް، ޣައްޒާގައި ބޭނުންކުރެވިދާނެ ހަތިޔާރުތައް އެކްސްޕޯޓް ކުރުން މުޅިން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.
އެމެރިކާގެ އެހީތެރިކަމާއިއެކު އޮކްޓޯބަރު 2023 ގައި ފެށުނު ޣައްޒާގެ ހަނގުރާމައިގައި، އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 64,756 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.